ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތަޞައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ޤާއިމްކުރުންކަމަަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަޙީމް މިހެން ވިދާޅުވީ ޒަކާތު ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަޙީމް ވިދާޅުވީ މިހާރު މަޖިލީހަށް ހުށައެޅިފައިވާ ޒަކާތުގެ ބިލު ޤާނޫނަކަށް ވެގެން ދިއުމުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދާނެކަމަށާއި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ޒަމާނާއި އެއްވަރުގެ ޒަކާތުގެ ނިޒާމެއް ޤާއިމްކުރެވިގެންދިއުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިރޭ ހަވާލުކުރެވިގެންދިޔަ ސްކޮލަރޝިޕާއި ޚާއްސަ ސްކޮރލަޝިޕް އިސްލާމީ ދާއިރާތަކަށް ޚާއްސަ ކުރުމަށް ނިންމާފައިވަނީ ރައީސްގެ ލަފާފުޅާއެކު ކަމަށާއި އެއީ އިސްލާމީ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މި ސްކޮލަރޝިޕްތައް ނިންމާ ދަރިވަރުންގެ ފަރާތުން ޤައުމަށް ފައިދާކުރާނެކަން ޔަޤީން ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ، ޒަމާނުންސުރެ ރާއްޖޭގައި އޮތީ ވަރަށް ހަރުދަނާ ޒަކާތުގެ ނިޒާމެއްކަމަށާއި، ޒަކާތަށް ޚާއްސަ ވަކި އިދާރާއެއް މިވެރިކަމުގެ ކުރީކޮޅު ރައީސް އުފެއްދެވުމަކީ ޒަކާތުގެ ނިޒާމަށް އިތުރު ހަރުދަނާކަމެއް އައިސްފައިވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު އިތުރަށް ވިދާޅުވީ، 7 އަހަރުގެ މެދުކެނޑުމަކަށްފަހު މިރޭ މިދެވުނު ފުރުސަތުތަކަކީ ޤައުމާއި އިސްލާމީ ޙަޟާރަތު އިތުރަށް ކުރިއެރުވުމަށްޓަކައި ބޭނުންވާ މުހިއްމު ފުރުސަތެއްކަމަށެވެ. އަދި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.

ވަޒީރު ވަނީ ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތް ދެއްކެވުމަށާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެލެއްވުމަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު