ރައްޔިތުން ބިކަވެ ނިކަމެތިވާ ކޮންމެ ދަނޑިވަޅެއްގައި ވެސް ޢަދާލަތު ޕާޓީ ފަސްނުޖެހި ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމަށް އެޕާޓީގެ ރައީސް އައްޝައިހް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީ އަށް 20 އަހަރު ފުރުމުގެ ޚާއްޞަ މުނާސަބަތުގައި އެޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ދެއްވި ޚިތާބެއްގައި ވިދާޅުވީ ވޭތުވެދިޔަ ވިހި އަހަރު މެދުކެނޑުމެއް ނެތި ރާއްޖެއަށް ޚިދުމަތްކޮށްފައިވާ ހަމައެކަނި ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއަކީ އަދާލަތު ޕާޓީ ކަމަށެވެ. އަދި ވެރިކަމުގެ ސިޔާސަތުތައް ތަޣައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ، ގިނަ ރައްޔިތުންގެ ޙައްޤުތަކާއި މަޞްލަޙަތުތައް ގެއްލޭ ކޮންމެ ހިނދަކު، ރައްޔިތުންގެ ދިފާޢުގައި ތެދުވެ، ސާބިތުކަމާއެކު އިސް ސަފުގައި އަދާލަތު ޕާޓީ ވަނީ މަސައްކަތް ކޮށްފައި ކަމަށެވެ. ވޭތުވެދިޔަ ތަނުގައި ކަންކުރި ފަދައިން މިއަދުވެސް މިކަން މިގޮތަށް ދެމިއޮންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކުރީގެ ރައީސް ސާލިޙްގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަން ވެސް ކުރެއްވި ޝައިޚް އިމްރާން ވިދާޅުވީ، ޢަދާލަތު ދެމި އޮންނާނީ ޢަދުލުއިންސާފުގެ މަތީގައި ސާބިތުވެ ޙައްޤަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށާއި، ރައްޔިތުން ބިކަވެ ނިކަމެތިވާ ކޮންމެ ދަނޑިވަޅެއްގައި ޢަދާލަތު އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު ކަމުގައެވެ. މި ޚާއްޞަ މުނާސަބަތުގައި ވޭތުވެދިޔަ ވިހި އަހަރު ޕާޓީއަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވި އެންމެހާ ބޭފުޅުންނަށް އިމްރާން ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

ޢަދާލަތު ޕާޓީ އުފެދިފައި ވަނީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ. އަދާލަތު ޕާޓީ އަކީ ނިމިދިޔަ ރައީސް ސާލިޙްގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނުނު ޕާޓީއެކެވެ.



ކިޔުންތެރިންގެ ހިޔާލު