ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކޮށްފައިވާ 4000 ފްލެޓްގެ މައްސަލަ އެންމެ ފަހުން ސިވިލް ކޯޓަށް ހުށައަޅައިފިއެވެ.

އާންމުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައާ ގުޅޭގޮތުން، އެ މައްސަލައިގައި ވަކާލާތުކުރައްވާ ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ މި މައްސަލައަކީ 4000 ފްލެޓާ ގުޅޭގޮތުން ސަރުކާރުން އެކި ދަނޑިވަޅުތަކުގައި އެކި ގޮތްގޮތަށް ނިންމުންތައް ނިންމުމުގެ ސަބަބުން، މިހާރު އޮތް ޙާލަތުގައި ގިނަ ބައެއްގެ ޙައްޤުތައް ގެއްލޭ ކަމަށް ޤަބޫލުކުރެވޭތީ ހުށަހެޅި މައްސަލައެއް ކަމަށެވެ.

މިހާރުގެ ޙާލަތުގައި، ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ގިނަ ބަޔަކަށް ފްލެޓް ނުލިބޭނެ ކަމަށް ލިޔުމުން އަންގާފައިވާ ކަމަށާއި، މިއީ ކުރިން ސަރުކާރުން ދޫކޮށްފައިވާ ލިޔެކިޔުންތަކާ ފުށުއަރާ ލިޔުންތަކެއް ކަން ނިޝާން ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ސަރުކާރުން އުސޫލުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ގިނަ ރައްޔިތުންގެ ޙައްޤުތައް ގެއްލިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބަކީ، ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ފްލެޓް ނަންބަރުތަކުގައި އެހެން ފަރާތްތަކަށް ފްލެޓް ދީ، އެއްބަސްވުން ހެދުމުގެ ސަބަބުން ޙައްޤުވާ ފަރާތް ނޫން އެހެން ފަރާތްތަކަށް ފްލެޓް ލިބޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިއަދު ކޯޓުގައި އެދިފައިވަނީ އެފަދަ ފަރާތްތަކަށް ލިބިފައިވާ ފްލެޓްތައް އެހެން ފަރާތްތަކަށް ނުދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ކަމަށް ނިޝާން ވިދާޅުވިއެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓްތައް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން އިޢުލާނުކުރި ލިސްޓު މުރާޖަޢާކޮށް، އޭގެ ތެރެއިން ޝަރުޠު ހަމަވެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓެއް މިހާރުގެ ސަރުކާރުން ވޭތުވެދިޔަ އެޕްރީލް މަހު ވަނީ ޢާންމުކޮށްފައެވެ. އެންމެ ފަހުން ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވަނީ ފްލެޓް ދޫކުރަމުން ގެންދާނީ ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކުރި ލިސްޓަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު