އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
މީޑިއާތައް ރެގިއުލޭޓް ކުރަން ވަކި ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަގުސަދަކީ މީޑިއާގެ މިނިވަންކަން ނެތިކޮށްލުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމުގެ ބިލް ދެވަނަ ފަހަރަށް މަޖިލީހަަށް މިއަދު ވަނީ ހުށަހަޅާފައެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިފަހަރު ހުށަހެޅުއްވި ބިލު ވެސް އޮތީ ވަރަށް ބޮޑަށް ސަރުކާރުގެ ނުފޫޒު މީޑިއާތަކަށް ފޯރުވައި، މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށެވެ.

އެގޮތުން، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެންބަރަކު ކޮމިޝަނުގައި ހިމަނާގޮތަށް ބިލުގައި ހިމަނާފައިވެއެވެ. އަދި ގާނޫނާ ހިލާފަށް އަމަލުކުރާ ނޫސްތަކާއި މީޑިއާތަކަށް ފިޔަވަޅު އެޅޭގޮތަށް އޮތްއިރު މީޑިއާއަކުން ކުރާ ގާނޫނާ ހިލާފު މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާނަމަ އެ މީޑިއާއެއްގެ ރަޖިސްޓްރީ ވަގުތީގޮތުން ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ދީފައިވެއެވެ.

ބިލް ހުށަހެޅުމާއި ގުޅިގެން ފައްޔާޒު މިރޭ އެކްސްގައި ވިދާޅުވީ، މި ބިލަކީ، ރާއްޖެއިން މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްވަވާފައިވާ ރޭވުމެއް ކަމަށެވެ. މީޑިއާއަކީ ޑިމޮކްރަސީއެއްގެ މައިބަދަ ކަމަށްވާއިރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ނޫސްވެރިންނާ މީޑިއާތަކަށް ލިބޭ ހިމާޔަތް ނިގުޅައިގަނެވި، ރެގިއުލޭޓަރީ ކޮމިޝަނުގެ ސީދާ ބާރު ރައީސަށް ލިބިދޭ ކަމަށް ފައްޔާޒު އެކްސްގައި ލިޔުއްވި ޕޯސްޓުގައި ވެއެވެ.

އަދި އެކަން އެގޮތަށްކުރުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައިވެއެވެ. ފައްޔާޒު ވިދާޅުވީ ތެދު ވާހަކަ ދެއްކުމަކީ އަނިޔާވެރިވުމަށް އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވޭ ދުވަސްތަކަށް އަނބުރާ ގޮސްގެން ނުވާނެ ކަމަށެވެ.

ފައްޔާޒު މިހެން ވިދާޅުވިނަމަވެސް، މި ބިލް އެންމެ ފުރަތަމަ ހުށަހެޅުނުއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބިލް އޮތީ އެމަނިކުފާނުގެ ސިޔާސަތާ ދެކޮޅަށް ކަމަށާއި އެ ބިލް މަޖިލީހުން ބޭރު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު