ތޮއްޑޫގައި މިހާރު މަސައްކަތް ކުރިއަށްދާ ތިރީސް އެނދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ތޮއްޑޫގައި ކުރިއަށްދާ ތިރީސް އެންދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައި.ސީ.ޔޫ ހިމެނުމުގެ ފުރުޞަތު އެބައޮތް ކަމަށް ޞިއްހީ ވުޒާރާގެ، ކަމުގެ ފަންނީ ބޭފުޅުން ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި، ތޮއްޑޫ ސްކޫލްގެ ޢުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމާއި ތޮއްޑޫ ދެކުނުފަރާތުގައި ފާލަން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން ތޮއްޑޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ. ރައީސް ވަނީ މި މަޝްރޫޢުތަކުގެ މަސައްކަތް، ވަރަށް އިސްކަންދެއްވައިގެން ހަލުވިކަމާއި އެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ގައު އަތުރައިގެން ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ހުރިހާކަމެއް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމަވައި ދެއްވާނެކަމަށެވެ. އަދި ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތޮއްޑޫއަކީ ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއިން ކުރިއަރާފައިވާ ރަށެއްކަން ފާހަގަކުރައްވައި، ރަށުގެ އިގްތިޞާދީ ތަރައްޤީއަށް ސަރުކާރުން އިތުރަށް ކަންކަން ފަހިކޮށްދެއްވުމުގެ ގޮތުން، ތޮއްޑޫއަށް ޚާއްޞަ ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށްދެއްވައި އަންނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ޝެޑިއުލް ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށާނެކަން ރައީސް މިއަދު އިއުލާންކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު