ލާމަރުކަޒީ ނިޒާމު އެއްކޮށް ބަދަލުކޮށްގެން ރާއްޖެއަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙް މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން އެމަނިކުފާނަށް އެރުވި ޚާއްސަ އެވޯޑް ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސާލިޙް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އެއްކޮށް ބަދަލުކޮށްގެން ރާއްޖެއަށް ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެ ނިޒާމުގެ ދިފާއުގައި އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ އަދި އެ މަނިކުފާނު ވެސް ހިތްޕުޅުގެ އެންމެ އަޑިން ގަބޫލުކުރައްވާ ނިޒާމެކެވެ. މި ނިޒާމާއެކު ރާއްޖޭގެ ރަށްތަކަށް އައި ތަރައްގީއާއި ބަދަލުތައް ކޮންމެ މީހަކަށް ވެސް ފެންނާނެ ކަމަށާއި، ވަކިވަކި ރަށްރަށަށް ލާމަރުކަޒީ ނިޒާމުން ލިބިދޭ ބާރުތައް މާލެއަށް ޖަމާކުރުމުން ރަށްތަކަށްވީ ގޮތް ވެސް ތަޖުރިބާކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން [ރަށްތަކަށް] ބާރުތައް ދޫކޮށްލީ. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ ވެރިއަކަށް ހުންނަ މީހަކަށް އެއީ ޗެލެންޖަކަށް ވާނެ ކަމެއް ކަމަކަށް. [އިތުރަށް] ފަސޭހަވާނީ.،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް އިތުރަށް ވިދާޅުވީ ހުރިހާ ބާރުތަކާއި ޚިދުމަތްތައް ޖަމާކޮށްފައި އޮންނަ ތަނަކަށް ގިނަ މީހުން އަންނާނެ ކަމަށެވެ. އެގޮތުން މާލެއަށް ޖެހިފައިވަނީ އެ ހާލު ކަމަށާއި، އުފަން ރަށް ދޫކޮށް މީހުން މާލެއަށް އަންނަނީ އުފަލަކުން ނޫން ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. އަދި ގިނަ މީހުން ރަށް ދޫކޮށް މާލެއަށް އަންނަނީ މަޖުބޫރުވުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އަބަދުވެސް ގެންނަންޖެހޭ އިސްލާހުތައް ހުންނާނެ ކަމަށާއި ނަމަވެސް، ލާމަރުކަޒީ ނިޒާމު އެއްކޮށް ބަދަލުކޮށްގެން ރާއްޖެއަށް ލިބޭނެ ކުރިއެރުމެއް އޮތް ކަމަކަށް އޭރުވެސް މިހާރު ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން، ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އިސްވެ ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، އެމްޑީޕީން ވެސް އެ މަސައްކަތް ކުރާނެކަމާމެދު ޝައްކެއް ނެތް ކަމަށް ސާލިޙް ވިދާޅުވިއެވެ.

ކުރީގެ ރައީސް ސާލިޙް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު އަތޮޅު ކައުންސިލްތައް އުވާލައި، ކުދި ރަށްތަކުގެ ކައުންސިލް ސައިޒު ކުޑަކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އއ. މަތިވެރި ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލަން ޤާނޫނު އަސާސީ އިސްލާޙު ކުރަށްވާނެ ކަމަށެވެ. އެ އިސްލާހުތައް ހުށަހަޅުއްވަނީ، 'ފަށަލަތައް' ނެތި، ސީދާ ރައްޔިތުންނަށް ބާރުތައް ދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ރަށެއްގެ ރަށު ކައުންސިލުން މިކަމަށް ހެކިވާނެ. އެއީ [އަތޮޅު ކައުންސިލަކީ] އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމަ ގާނޫނު އަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން. ގާނޫނު އަސާސީ އިސްލާހު ނުކޮށް މިކަމެއް ނެތް ވާކަށް. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ދާއިރަކު އަތޮޅު ކައުންސިލަށް ވޯޓުލާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

ދާދިފަހުން ކައުންސިލްތަކަށް ކުރިން ދީފައިވާ ގިނަ ބާރުތަކެއް ހަނިވާ ގޮތަށް، ލާމަރުކަޒީ ގާނޫނު ވެސް ސަރުކާރުން ވަނީ އިސްލާހުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު