ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު އަނބުރާ ގެންދަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފިއެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މީޑިއާގެ މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް އޮތް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި ބިލު އަނބުރާ ގެންދިއުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

އައިއެފްޖޭއިން ނެރުނު ބަޔާނުގައި ބުނީ މީޑިއާ ދާއިރާ ރެގިއުލޭޓްކުރުމުގައި، އެ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި ބައިވެރިވުން ކޮންމެހެން މުހިންމު ކަމަށެވެ. ނޫސްވެރިންނާއި އެ ފަރާތްތަކުގެ ޔޫނިއަންތަކުގެ ބައިވެރިވުމެއް ނެތި، ބާރުގަދަ އިދާރާއަކުން މިފަދަ ނިންމުންތައް ނިންމުމަކީ، ނޫސްވެރިން ބާރުވެރިކުރުމަށާއި، ޑިމޮކްރަސީ ހިމާޔަތްކުރުމަށާއި، މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމެއް ކަން އެޖަމިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ޢަމަލަކުން އެ އިދާރާގެ ހަޤީޤީ މަޤްޞަދާމެދު ސުވާލު އުފެދޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލް ބުނާގޮތުން މީޑިއާ ކޮންޓްރޯލްކުރާ ބިލާ އެކު އުފައްދާ ކޮމިޝަންގެ ތިން މެންބަރަކު އައްޔަންކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާތަކުން ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރި ނަމަވެސް އެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭއިރު ވަކިވަކި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު ވެސް ގާނޫނުން އުފައްދާ އާ ކޮމިޝަނަށް ލިބޭނެ ކަމަށް އެ ބިލްގައި ބުނެފައިވެއެވެ.

އެގޮތުން، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަަމަށް އެބިލްގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބިގެންދާނެއެވެ. މީގެ ކުރިން މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ވަނީ އެ ބިލް އަނބުރާ ގެންދަން ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު