ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އުކުޅަހަށް ވަޑައިގެން، ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އއ. އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ ރަށަކަށް ވާއިރު، އުކުޅަސްވެސް ހިމެނޭހެން، ލޯކަލް ޓުއަރިޒަމް ކުރިއަށްގެންދާ ހުރިހާ ރަށްތަކަކުންވެސް މި މަސައްކަތުގައި ކުރިއަރާ ދާންވީ، އިސްލާމީ ހަމަތަކާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ އިމުގެ ތެރެއިން، ހުއްދަ މިންގަނޑުގެ ތެރޭގައިކަމަށެވެ. ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުންވެސް ބޭނުންވާކަމަށާއި، އެކަމަށް އެއްބާރުުލުންވެސް ސަރުކާރުން ދެއްވާނެކަމަށެވެ. ނަމަވެސް ލޯކަލް ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ އުސޫލުތަކެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިސްލާމްދީން ހުއްދަ ނުކުރާ އަދި ދިވެހީންގެ މާހައުލުގައި ހިނގައިގެން ނުވާނެ ކަންކަމުން ދުރުވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވަނީ އުކުޅަހަށް ކުރެއްވި މި ދަތުރުފުޅުގައި ތުއްތުކުއްޖަކު އެމަނިކުފާނަށް އެރުވި މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި ވަނީ ދިވެހީންގެ އާދަކާދައާއި އިސްލާމްދީނާ ބީރަށްޓެހިން ގޮތަށް އުޅޭކަން ފާހަގަކޮށްފައެވެ. އެހެންކަމުން ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާއިރު އިންތައް ހިފަހައްޓައި އިސްލާމް ދީން ބާރުއަޅާ މަގުން މުއްސަނދިކަން ހޯދުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ރޭ ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރަށުގެ ތަރައްޤީއަށްޓަކައި، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތައް ފުއްދެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ އަދި ކުރިއަށްހުރި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި މަޝްރޫޢުތަކަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ވަރަށް ގާތުން ބައްލަވައިގެން، ހަލުވި ދުވެލީގައި މަސައްކަތްކޮށް ނިންމަވައިދެއްވާނެ މަޝްރޫޢުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުކުޅަހު ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ އެއްބަސްވުމާއި، އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން، އަދި، އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭގެ ބައްދަލުކުރެއްވުމުގައި ސޮއިކުރައްވާފައިވާއިރު، މި މަޝްރޫޢުތަކަކީ ރަށަށް ނުހަނު ބޭނުން މަޝްރޫޢުތަކެއް ކަން ރައީސް ފާހަަގަކުރެއްވިއެވެ.

އއ. އުކުޅަހުގެ އަދުގެ ހާލަތަށް ބަލާއިރު، މިވަގުތު ރަށަށް އެންމެ ބޮޑުވެފައި ވަނީ ގޯތިގެދޮރުގެ މައްސަލަކަމުގައި ވާއިރު، މިހާރު ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު އެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ އުކުޅަހުގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ލޭންޑްޔޫސް ޕްލޭން ފާސްކުރައްވާނީ 250 ގޯތި ދެވޭ ގޮތަށް އިސްލާޙް ގެންނަވާފައި ކަމަށާ، އެ ގޯތިތައް ދޫކުރުމުގެ ހުއްދަ، އަންނަ ހަފުތާ ތެރޭގައި ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 50 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު