ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމުގެ މަގާމަށް ހޮވަން މަސައްކަތް ކޮށްދެވުނީތީ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިރޭ ރައީސް ޔާމީންގެ ޕީއެންއެފުން ބާއްވަމުން ގެންދާ ޖަލްސާގައި ހިޔާލުފާޅުކުރަން ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަމުންނެވެ.

މޮސްޓާ ވިދާޅުވީ، މިއަދު މި ސަރުކާރުން ކުރާ ބައެއްކަންކަން ކުރަނީ ކޮން ނިޔަތެއްގައިކަން ސާފު ނުވާކަމަށެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހާލުގައި ޖައްސައިފިކަމަށާއި އެތަކެތީގެ އަގު ބޮޑުކޮށް ވޭޕް މަނާކުރި ނަމަވެސް ކުރިން ލިބޭ އަގުގައި އަދިވެސް ލިބޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއީ ކޮން ބޭނުމަކު ކުރިކަމެއްކަމެއް ސާފުނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ވެރިކަމަށް އައިއިރު ޑޮލަރުގެ މައްސަލަ ހައްލުވާނެކަމަށް ބުނިނަމަވެސް، މައްޗަށް ނުދާނެކަމަށް ބުނި ޑޮލަރުގެ އަގު މިހާރު އުޅެނީ 20 ރުފިޔާއިން މަތީގައި ކަމަށެވެ.

ކުދި ވިޔަފާރިތައް ވެސް ފުނޑިގެން ގޮސްފިކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބަރުވެފައިވާކަމަށް މޮސްޓާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރު ގެންނަން މަސައްކަތްކުރިއިރު މިހެން ކަންކަން ވާނެކަމަށް ހީނުކުރައްވާކަމަށެވެ. އެހެންކަމުން ލަދުވެތިކަމާއި ހިތާމައާ އެކު އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޮސްޓާ ވަނީ މިރޭގެ ޖަލްސާގައި ރައީސް މުޢިއްޒުގެ އިސްތިއުފާއަށް ވެސް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު