ސަރުކާރުގެ ބޭ އިންސާފުތަކާއި ހެދި ޤައުމު ފުނޑިއްޖެ ކަަމަށާއި ރައްޔިތުން ހޭލަންވެއްޖެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން މިރޭ ބޭއްވި "ވޭކް އަޕް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވީ ދިވެހިރާއްޖޭގެ އަތޮޅުތެރޭގެ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައި އޮތް އަދި ދިވެހިރާއްޖޭގެ ޞިނާޢަތުގެ ލޭނާރަކީ މަސްވެރިކަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މީގެ ކުރީގެ އަހަރުތަކުގައި މަސްވެރިކަމަށް ކިލޯއަކަށް ބާވީސް ރުފިޔާ އަދި ވިހި ރުފިޔާ ވެސް ދިން ޒަމާނެއް ހިނގައިދިޔަ ކަމަށާއި، ނަމަވެސް މިއަދު މަސްވެރިންނަށް ކިލޯއަކަށް ދެވެނީ އެންމެ ސޯޅަ ރުފިޔާ ކަމަށެވެ. މިއީ ދިވެހި ރުފިޔާގެ އަގު ގާތްގަނޑަކަށް ތިރީސް ފަސް ޕަސެންޓު ވެއްޓިފައިވާއިރު ދެވޭ އަގު ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ދިވެހި ރުފިޔާގެ އަގު މިހާ ބޮޑަށް ވެއްޓުނީ އަމިއްލަ ރައްޔިތުން ކުރި ކަމެއްގެ ސަބަބަކުން ނޫނެވެ. މިއީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓިގެން ދިޔުމުން ވެގެންއުޅޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މިއަދު ދިވެހި ރުފިޔާގެ އަގަށް ބަލާއިރު، 2016، 2017 އަދި 2018 ވަނަ އަހަރު މަސްވެރިންނަށް ލިބުނު އަގާ އަޅައިބަލާއިރު، ކިލޯއަކަށް ތިރީސް ރުފިޔާއަށް ވުރެ މަތިން ލިބެން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ ދިވެހި ރުފިޔާ އެ ވަރަށް ޑިވެލިއުވެ، ޑިޕްރިޝިއޭޓްވެފައިވާތީ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއަދު މަސްވެރިންނަށް ލިބެނީ ކުރިން ލިބުނު އަގުގެ ދެބައިކުޅަ އެއްބައި ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

މިފަދަ ކަންތައްތައް ހުރުމުން ރައްޔިތުން މިހާރު ހޭލަން ނުވޭތޯ ރައީސް ޔާމީން ސުވާލުކުރެއްވިއެވެ. އަދި ރައްޔިތުން ތިޔަ ނިދިން ހޭފުޅުލައްވާށޭ ވިދާޅުވެ، "ވޭކަޕް ޔޫ ގަޔިސް! ހޭލަންވެއްޖެ!" އޭ ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ވާހަކަތައް ދައްކަނީ ހަމައެކަނި އެބޭފުޅުން ނޫން ކަމަށާއި، ވާހަކަ ދައްކަން ފުރުޞަތު ލިބޭ ކޮންމެ މީހަކު ވެސް މިފަދަ ވާހަކަތައް ދައްކާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި މިއަދު ޝަކުވާއެއް ނޫން އެހެން ކަމެއް އުފުލާނެ ޖާގައެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ފެބްރިކޭޓް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ދިވެހި ރައްޔިތުން މިއަދު އިޙްސާސްކުރާ އަދި ބަރުދާސްކުރާ ހާލަތު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ދަތިކަމާއި، އަޅުވެތިކަމާއި، ނިކަމެތިކަމާއި، އަނދިރި ދައުލަތެއްގެ ފަރާތުން މި ހިންގާ ބޭއިންސާފުތަކުގެ ނަތީޖާއަކީ ދިވެހި ރައްޔިތުން ފުނޑިގެން ދިޔުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއަދު ހިތްހަމަޖެހިލައިގެން އުޅެނީ ހަމައެކަނި ވެރިންނަށް ތިއްބެވި ބޭފުޅުންނާއި އެ ބޭފުޅުންގެ އާރުކާޓީގެ ތެރޭގައި ތިބޭ މީހުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރިޝްވަތުގެ ފައިސާއިން ޖީބުތައް ފަލަވެގެން ދާއިރު، ރައްޔިތުންގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދަނީ ކަމަށާއި، މިއީ ޤައުމެއް އޭގެ ޒާތުގައި ސަރވައިވް ވާނެ ގޮތެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެންމެ ނުބައި އަދި އެންމެ ނުރައްކާތެރިކަމަކީ، ވެރިންނަށް ތިބޭ މީހުން ރައްޔިތުންނަށް އިޚްލާޞްތެރި ނުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮރަޕްޝަނުގެ ވަބާ ފެތުރިގެންދާ ނަމަ، އެއީ ރަށެއް، މުޖުތަމަޢެއް ހަލާކުކޮށްލާނެ އެންމެ ވަރުގަދަ ފަނި ކަމަށާއި، އެކަމަށް ރައްޔިތުން ހޭލައި، ހޭލުންތެރިވާން ޖެހޭ ކަމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު