ދައުލަތުގެ ހިންގުމުގެ ނިޒާމު ފުނޑުފުޑުކޮށް ރޫޅާލަން އެއްވެސް ބަޔަކަށް ޖާގަ ނުދެއްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެެ.

އަދާލަތު ޕާޓީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ރައީސް ޝައިހް އިމްރާން ޢަބުދު ﷲ ވިދާޅުވީ، ދައުލަތުގެ ހިންގުމުގެ ނިޒާމު ފުނޑުފުޑުކޮށް ރޫޅާލަން ޖާގަ އެއް ނުދޭނެ ކަމަށާއި، ރާއްޖެ މިހާރު ދަތުރުކުރަމުންދާ ހާލަތުން އަރައިގަތުމަށް އަދާލަތު ޕާޓީގެ ދައުރު މުހިންމު ކަމަށެވެ.

ޝައިޚް އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީ އަށް ވޭތުވެ ދިޔަ 20 އަހަރު ލިބުނު ކާމިޔާބީތައް ޙަޤީޤަތުގައި ވެސް މިހާރު ވެސް ގިނަގުނަ ކަމަށާއި، އެންމެ އެދޭ މަންޒިލާ ހަމައަށް އަދި ނުދެވުނު ކަމުގައި ވިޔަސް، ވަރަށް ގިނަ ކުރިއެރުމާއި ކާމިޔާބީތައް މި ވޭތުވެދިޔަ ވިހި އަހަރުދުވަހުގެ ތެރޭގައި ހޯދިފައިވާ ކަމަށެވެ. އެގޮތުން، ޕާޓީ އުފެދުނު ފަހުން އުފެދުނު ތިން ސަރުކާރެއްގައި އަދާލަތު ޕާޓީ ބައިވެރިވެފައިވާ ކަމަށާއި، މި ބައިވެރިވުމުގެ ތެރެއިން މުހިންމު ޒިންމާތަކެއް އަދާކޮށް، ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ކަމަށް ޝައިޚް އިމްރާން ފާހަގަކުރެއްވިއެވެ. އަދި ޕާޓީގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންނަށް ގިނަ ތަޖުރިބާތަކެއް ފޯރުކޮށްދެވިފައިވާ ކަމަށާއި، ޕާޓީ އޮތީ އެޅި ބިންގަލުގެ މައްޗަށް ބިނާކުރުން މަތީގައި ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ޝައިޚް އިމްރާން ވިދާޅުވީ، މިއަދު ރާއްޖެ ދަތުރުކުރަމުންދާ މި ހާލަތުގައި، ރާއްޖޭގެ ސިޔާސީ މަސްރަހާއި ހާލަތާ ދޭތެރޭ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑު ކަމަށެވެ. މީގެ ދިހަ ނުވަތަ ފަނަރަ އަހަރު ކުރިއަށް ޕާޓީތައް އުފެދުމުގެ ކުރިން ރާއްޖެ އޮތް ހާލަތެއް ހަނދާންކޮށްދެއްވަމުން، ރާއްޖޭގެ ރައްޔިތުންގެ ފަރުދީ ޙައްޤުތައް ގެއްލިގެން ހިނގައިދާ ކަމުގެ ބިރު ރައްޔިތުންގެ ތެރޭގައި އޮތް ކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި، އަދާލަތު ޕާޓީ ކުރިން އަދާކުރި ދައުރު ރާއްޖޭގައި އަދާކުރުން ކިތަންމެ ހާ ވެސް ބޮޑަށް ބޭނުންވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އަދި މި ބޮޑު ބުރަ މަސައްކަތް ކުރެވޭނީ ވިސްނުން ފުޅާވެ، ހިތްތަކަކީ ވަރަށް ފުޅާ އެއްޗަކަށް ވެގެން، ރާއްޖޭގެ ގިނަ ރައްޔިތުންނާ އެކު މަސައްކަތް ކުރުމުގެ އިޙްސާސާއި، ފިކުރާއި، ބުއްދި އުފައްދައިގެން ކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ. އިމްރާން އިތުރަށް ވިދާޅުވީ، ތާރީޚުން، ހާއްސަކޮށް އިސްލާމީ ތާރީޚުން ޢިބުރަތާއި ދަރުސް ލިބިގެން، ރަސޫލުޞައްލަﷲ ޢަލައިހި ވަސައްލަމަ ޔަހޫދީންނާއި މުނާފިޤުންނާ އެކުގައި ވެސް މަސައްކަތް ކުރެއްވި ގޮތް ރަނގަޅަށް އެނގި ތިބެގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ޝައިޚް އިމްރާން ވިދާޅުވީ، މީގެ ކުރީގައި ވެސް ޢަދާލާތު ޕާޓީ އެފަދަ ޙާލަތްތަކުގައި ތެދުވި ފަދައިން، މިއަދު ވެސް ތެދުވެވޭހާ ހިތްވަރު އަދިވެސް ޢަދާލަތުގެ މެންބަރުންގެ ކިބައިގައި ހުންނާނެ ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނާއި ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންގެ ކުރިއެރުމާއި ފާގަތި ކަމަށްޓަކައި އަދާލަތު ޕާޓީ ދެމިތިބޭނީ އެގޮތުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު