އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަށް ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

ދިރިއުޅޭ ގޭގައި ނިދަން އޮއްވައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލާފައިވަނީ މިދިޔަ ޖުލައި 13 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ އެ ރަށުގެ ތިން ޒުވާނެކެވެ. އެއީ؛

- ސަންތިމުހައްމަދު ވިޝާމް، ލިލީފެހި، އއ. މާޅޮސް (22އަހަރު)

- އަހުމަދު ފާރިސް، ފިނިވާގެ، އއ. މާޅޮސް (27އަހަރު)

- އަހުމަދު އާޝިދު، ފިޔަ، އއ. މާޅޮސް (27އަހަރު)

ފުލުހުން މައުލޫމާތު ދިންގޮތުގައި އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވިޝާމާއި ފާރިސް، ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ. އަދި އާޝިދުގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި ހައްޔަރުކުރީ ވިސާމަކީ ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއްކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަދި، ފާރިސަކީ އެ ރަށު ސްޓެލްކޯގައި މަސައްކަތްކުރާ ޒުވާނެކެވެ. އާޝިދަކީ މާލޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅޭ ޒުވާނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު