އެމްޖޭއޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-
އެމްޖޭއޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާ ޗެނެލް 13 އިން ދައްކަން ފަށަން އޮތް ވަގުތު އެ ޓީވީގެ ލައިވް ބްރޯޑްކާސްޓު ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމަކީ ސަރުކާރުން މީޑިއާތަކުގެ ކޮންޓްރޯލު ނަގަން އުޅޭ ކަމުގެ ހެއްކެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ރެގިއުލޭޓު ކުރާ ކޮމިޝަންތަކުން އަމިއްލައަށް އިސްނަގައިގެން މީޑިއާތަކުގެ މައްސަލަ ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށެވެ.

އަދި އެގޮތަށް މައްސަލަ ބަލާނަމަ އިންސާފުގެ ހަމައިން ބޭރުވެ ނާޖާއިޒު ނުފޫޒަށް ޖާގަލިބޭ ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖެނުއަރީގައި ބަލަން ފެށި މައްސަލައެއް، މި މަހު 11 ވަނަ ދުވަހު ނިންމައި ރޭގެ 8:00 އިން 9:00 އަށް ޗެނެލް 13 ގެ ލައިވް ބްރޯޑްކާސްޓިން ކަނޑައިލަން އެންގިއިރު، ޕީއެންއެފްގެ ޖަލްސާ ލައިވް ކުރާނޭކަން ޗެނެލް 13 އިން މިމަހުގެ 9، ގައި އާންމުކޮށް އިއުލާނު ކޮށްފައިވާކަމަށް އެމްޖޭއޭ އިން ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ މިކަމާ ގުޅޭގޮތުން ބްރޯޑްކޮމްއާ ޖަމިއްޔާއިން ސުވާލުކުރުމުން ޕީއެންއެފްގެ ޖަލްސާ ރޭ ޗެނެލް 13 އިން ލައިވް ކުރަން ނިންމާފައިވާކަން އެނގިފައި ނުވާ ކަމަށާއި، މިއީ އިއްތިފާގަކުން ދިމާވެފައިވާ ކަމެއް ކަމުގައި ބްރޯޑްކޮމްއިން ބުނިކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، މައްސަލައިގެ ޓައިމްލައިނަށް ބަލާއިރު ސިޔާސީ ޕާޓީއެއްގެ އެއްވުމެއް ވަގުތުން ދުރަށް ދެއްކުމަށް ތާވަލު ކޮށްފައި ވަނިކޮށް އެ ވަގުތާ ދިމާވާގޮތަށް އެ ޗެނެލްގެ ބްރޯޑްކާސްޓު ހުއްޓައިލަން ބްރޯޑްކޮމްއިން އެންގި އެންގުމަކީ ވަކި މަގުސަދެއް ހާސިލު ކުރުމަށް ނުފޫޒެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ގަބޫލު ކުރެވޭ ކަމުގައި އެމްޖޭއޭ އިން ވަނީ ބުނެފައެވެ.

އެމްޖޭއޭއިން ބުނީ މިހާރު މަޖިލީހަށް ވައްދާފައިވާ "ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލު" ފާސްވެއްޖެ ނަމަ މީޑިއާތަކާއި ނޫސްތައް ބަންދު ކުރުމާއި ނޫސްތަކުގެ ކޮންޓެންޓް ކޮންޓްރޯލް ކުރުމުގެ ނުރައްކާތެރި ސަގާފަތެއް ފެށިގެންދާނެ ކަމަށެވެ.

އެހެންވެ، އެ ޖަމިއްޔާއިން ވަނީ މި ބިލު އަނބުރާ ގެންދިޔުމަށްވެސް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު