ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ނަވީން އާއި ޕީޖީ ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ނަވީން އާއި ޕީޖީ ބައިވެރިވެވަޑައިގަންނަވަނީ
ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރާ މައްސަލަތައް ތަހުޤީޤު ކޮށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރާ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު ފަހަކަށް އައިސް އިތުރުވަމުންދާކަމަށެވެ. ފުލުހުން ބުނީ މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖްކުރުމުގެ މި މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާ (ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން) އާއި 311 ވަނަ މާއްދާ (ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން) އަދި 312 ވަނަ މާއްދާ (ޝަހުސު އޮޅުވާލުން) ގެ ދަށުން ޖިނާއީ ކުށެއްކަން ފާހަގަކޮށްފައެވެ. އަދި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ މި މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު