ގައުމިއްޔަތުގެ ނަމުގައި ފާޑުކިޔުން ނައްތާލައި ސަރުކާރުން މަސައްކަތްކުރަނީ ހުދުމުޚުތާރު ވެރިކަމެއް ކުރަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ހިތަށް އަންނަ ކޮންމެ ވާހަކައެއް ދެއްކުމާއި ލިޔުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ރައީސް މުޢިއްޒު ޤައުމީ ދުވަހުގެ ޖަލްސާގައި ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސްގެ އެ ވާހަކަފުޅަަށް ރައްދުދެއްވައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމިއްޔަތާއި އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުންތައް ނައްތާލަން ސަރުކާރުން މަސައްކަތްކުރާ ކަމަށާއި އެއީ ހުދުމުޚުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން ކުރާ ކަމެއް ކަމަށެވެ. ފައްޔާޒް ވިދާޅުވީ، ހުދުމުޚުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގި، ހުދުމުޚުތާރުކޮށް ކަންކަން ކުރުން ކަމަށެވެ. އަދި ގައުމިއްޔަތާއި އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުންތައް ނައްތާލަން އުޅުމަކީ އެފަދަ ވެރިން އާންމުކޮށް ކުރާ ކަމެއް ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ކުރީގެ އިކޮންމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރެވޭނީ އިޚްލާސްތެރި ހިދުމަތްތެރިކަމުގެ ތެރެއިން ކަމަށާއި، ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަތައް ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަންނާނެ ކަމަށެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅުއެޅުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް، ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

"މީގެ ކުރިންވެސް ވެރިޔަކު ތި މަސައްކަތް ކުރެއްވި. ކާމިޔާބެއް ނުވޭ. އިރާދަކުރެއްވިއްޔާ މިފަހަރުވެސް ކާމިޔާބެއް ނުވާނެ." ފައްޔާޒް ވިދާޅުވި އެވެ.

ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ހިތަށް އަންނަ ކޮންމެ އެއްޗެއް ބުނެލުމަކީ އެއްވެސް މީހެއްގެ ހައްގެއް ނޫން ކަމަށެވެ. އެ ގޮތުން، އެއްވެސް މީހަކު ކުރާ ކަމެއްގެ ސަބަބުން ނުވަތަ ބުނާ ބަހެއްގެ ސަބަބުން އަނެކާގެ މިނިވަންކަމާއި އަބުރާއި އިއްޒަތަށް އަރައިގަނެވޭ ނަމަ އެއީ ހައްގުތަކުގެ އިމުން ބޭރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި ޝަރަފާއި އަބުރަށް އަރައިގަތުން. އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން ހިތަށް އަންނަ އެއްޗެއް ބުނެލުމަކީ. ހިތަށް އަންނަ ކޮންމެ އެއްޗެއް ގަލަމުން ލިޔެލުމަކީ،" ރައީސް ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވެެފައިވަނީ ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް މަސައްކަތްކުރާ ކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.



ކިޔުންތެރިންގެ ހިޔާލު