އެންމެ މަދުވެގެން 18 މަސްދުވަހުގެތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށް ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫގައި ގެއެއް އަޅައިދޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރަށްވައިފިއެވެ.

ހދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ހިރިމަރަދޫ އަށް މިއަދު ހަވީރު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޯއްޗަކަށް ގޯއްޗެއް ލިބޭގޮތަށް 18 މަސްދުވަސްތެރޭ އެ ރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށް، އަޅައިދޭ ގޯތީގެ ތަޅުދަނޑި ހަވާލުކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ހިޖުރަކުރާ ފަރާތްތަކަށް ފައިސާގެ ބަދަލެއްވެސް ދެއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް މުސްތަގްބަލު އުޖާލާކޮށްދީ، ހުރިހާ ރައްޔިތުންނަށް މަތީ ފަންތީގެ ޚިދުމަތް ހޯދައިދީ، އުންމީދުގައި ކުލަ ޖައްސައިދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، މި މަސައްކަތް ކުރިއަށްގެންދަނީ ހަނިމާދޫގައި ދާއިމީ ގެދޮރުވެރިކަމާއި، ޢުމްރާނީ ވަސީލަތް ޤާއިމްކުރުމަށް އެޗްޑީސީއާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ގޯއްޗެއްދީ އަދި ގޯތީގައި ގެއެއް އަޅައިދީ ތަޅުދަނޑި ހަވާލުކުރެވޭނެކަން ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި، ބަދަލެއްގެ ގޮތުން ފައިސާގެ ޢަދަދެއްވެސް ދޭގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމަ އަމިއްލަ ގޯތީގައި ގެދޮރެއް ނެތަސް އަޅުގަނޑުމެން ގޯތި ދޭއިރު އެއިން ކޮންމެ ގޯއްޗެއްގައި ގެއެއް އަޅައިދޭނަން. ކުރިން ދޭ ފައިސާގެ ޢަދަދު އަޅުގަނޑުމެން މުޠާލިޔާކޮށް ބޮޑުކުރާނަން. މިއީ ރަށުގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ކުރެވޭ މަސައްކަތެއް. ވަރަށް އަވަހަށް އަމަލީ މަސައްކަތް ހަނިމާދޫގައި ފެށޭނެ. ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އެންމެ މަދުވެގެން 18 މަސްދުވަސްތެރޭ ހަވާލުކުރާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އާބާދީއާއި ތަރައްޤީ އެއްފަސްކުރަނީ އެކަމަށް އެދޭ ރަށްރަށުގެ ރައްޔިތުންނަށް އިސްކަންދީގެންކަމަށާއި، އެއްވެސް ރަށެއްގެ ރައްޔިތުން ހިޖުރަކުރުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެކަމަށެވެ. ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ހިރިމަރަދޫގައި ޤާއިމްކޮށްދޭނެކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު