ސަރުކާރުގެ އަމާޒަކީ، ހަނިމާދޫ އެއަރޕޯޓު ލަސްވެގެން ނޮވެމްބަރު މަހު ނިންމައި ފުރިހަމައަށް ބޭނުންކުރެވޭގޮތަށް ހުޅުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހަނިމާދޫ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިފަހަރު ކުރިއަށް ގެންދާ މަސައްކަތްތަކާއެކު، އެ ވައިގެބަނދަރު، ބައިނަލްއަޤުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުކުރެއްވޭނޭކަމަށެވެ. އެގޮތުން، އެއަރޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއަރޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ލޯކަލް ޓޫރިޒަމަށްވެސް މަގު ފަހިވާނޭ ބީދައިން، އެއަރޕޯޓުން ބޭރުގައިވެސް ޑޮލަރު އޭ.ޓީ.އެމެއް ބަހައްޓައިދެއްވާނޭކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭ.ޓީ.އެމްތައްވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހަނިމާދޫ ކައުންސިލުން ޖާގަ ހަމަޖައްސަވައިދެއްވުމާއެކު، އެއާޕޯޓު ހުޅުވެން ވާއިރަށް، އެރަށުގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް ޤާއިމުކޮށްދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އެރަށުގައި 500 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރައްވާނޭކަމަށެވެ. އެ މަސައްކަތް ކުރިއަށްގެންދަވާނީ، ވަކި ސަރަޙައްދެއްގައި ހައުސިންގ ޔުނިޓު އަޅައިދޭ ގޮތަށާއި، ގޯތީގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ހިރިމަރަދޫއިން ހަނިމާދޫއަށް އެއްފަސްވާ އާބާދީއަށް އަމާޒުކޮށްގެން ހިންގާ ހައުސިންގ މަޝްރޫޢު ކުރިއަށްގެންދަވައި، ކޯޓުގައި ހުއްޓިފައި އޮތް ހައުސިންގ މަޝްރޫޢަށް ހުއްދަލިބުމާއެކު އެ މަޝްރޫޢުވެސް ކުރިއަށްގެންދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޢުމްރާނީ މިފަދަ މަޝްރޫޢުތަކާއެކުއެކީ މަގުހެދުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 2026 ގައި ފަށައި 2027 ގައި ނިންމާ ގޮތަށް، ރައްޔިތުން އެދޭ ކޮންސެޕްޓަކަށް، 17 ވަރަކަށް ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫޢެއް ކުރިއަށްގެންދެވުމަށްވެސް ވަނީ ރާއްވަވާފައިކަމަށެވެ.

މިރޭގެ ޖަލްސާގައި ވަނީ ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ސްކޫލްގެ މަޝްރޫޢު ކުރިއަށްގެންދާނީ ހަނިމާދޫ ދަރިވަރުންނާއި، އެއްފަސްކުރުމުގެ ގޮތުން ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫ ދަރިވަރުންނަށްވެސް ޖާގަ ލިބޭނޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގައި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތާއި، 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް މާދަމާ ރަސްމީކޮށް ފަށާނޭކަން އެމަނިކުފާނު މިރޭ އިޢުލާންކުރެއްވިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތްދޭނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ހަނިމާދޫ އެއަރޕޯޓު ނިންމަން އިތުރު ތާރިޚެއް ރައީސް ދެއްވިއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިމި، މުޅި މަޝްރޫއުގެ 88.7 ޕަސަންޓުގެ މަސައްކަތް ވަނީ ނިިމިފައި ކަމަށް ޖުލައި މަހުގެ ތެރޭގައި ސަރުކާރުން ވަނީ ބުނެފައެެވެ. އޭރު ސަރުކާރުން އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.



ކިޔުންތެރިންގެ ހިޔާލު