ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަކަމާއެކީ ހިދުމަތްތައް ލިބެން ޖެހޭ ކަމަށާއި އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނެއްލައިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެމުންދާކަން ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ މިއީ އާދައިގެ ކަމެއް ނޫންކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ބޭންކިންގ ޚިދުމަތް ކަމުގައިވިޔަސް، ހަމަހަމަކަމާއެކު ލިބެންވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންނޫނީ މިވާގޮތަކީ އޭޓީއެމް ނުހުންނަ ރަށްރަށުގެ ރައްޔިތުން، ކައިރީގައިވާ ކޮންމެވެސް ރަށަކަށް އަމިއްލަ ޚަރަދުގައި ފައިސާ ޖަމާކުރަން ނުވަތަ ނަގަން ދާން މިޖެހެނީ. މިހާރު މިކަންކަން މިގޮތަށް ހަމަޖެހިގެންދިޔައިމަ ވަރަށް ފަސޭހަވެގެންދޭ، އަދި އޭގެ އިތުރުން، އެރަށުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ބޭންކު މުޢާމަލާތްކުރާ ފަރާތްތަކަށްވެސް މިކަމުން ލުޔެއް ލިބިގެންދޭ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ހުރިހާ ރަށެއްގައިވެސް އޭޓީއެމް ޤާއިމުކޮށްދީ، ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން މި މަސައްކަތަކީ އާދައިގެ މަސައްކަތެއް ނޫންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ތަރައްޤީޤެ ބޮޑު މަޝްރޫޢެއް ގޮތަށް އޭޓީއެމް ހުޅުއްވައި ދެއްވާތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކަމަށް ޖޯކު ޖަހައި ހަޖޫ ޖަހަމުންނެވެ. ދާދިފަހުން ރައީސް ޔާމިން ވެސް އެކަމަށް ވަރަށް ފާޑުވިދާޅުވެފައިވެއެެވެ. ޔާމިން ވިދާޅުވީ މި ސަރުކާރުން އޭޓީއެމް ހުޅުވަނީ ޒުވާން ފިރިހެން ކުދިން ރަށްރަށުން އިންނާނެ އަންހެންކުދިން ހޯދާހެން ކަމަށެވެ. އަދި މީގެ ކުރިން ވެސް ރަށްރަށުގައި އޭޓީއެމް ހުޅުވާ ކަމަށާއި އެއީ ރައީސް ޝަރަފުވެރިކޮށްދެއްވާ ރަސްމިއްޔާތެއް ނޫން ކަމަށް ޔާމިން ވިދާޅުވިއެވެ. ޔާމިން ވިދާޅުވީ 110 ބިލިއަން ރުފިޔާ ދެ އަހަރުން ޚަރަދުކޮށް ހުސްކޮށްލައިގެން ހިންގުނު ތަރައްޤީޤެ މަޝްރޫޢެއް ނެތް ކަމަށާއި މި ސަރުކާރަށް ހުޅުވުނީ އޭޓީއެމް އެކަނި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު