އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަގޮތަށް މީޑިޔާ ރެގިއުލޭޓް ކުރަން ބޭނުންފުޅުނުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެެ.

ހދ. ނޮޅިވަރަމްފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރަކު އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށާއި، ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އަމިއްލަ މެންބަރަކު މަޖިލީހަށް އެފަދަ ބިލެއް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެބިލުގައިވާ ގޮތުގެ މަތީން އުފައްދާ ކޮމިޝަނުގެ ރައީސަކަށް މެމްބަރަކު އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ލިބިދޭގޮތަށް އޮތް އޮތުމާއި ދެކޮޅު ކަމަށެވެ. އެމަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ބިލް އިސްލާހުކުރުމުގެ މަރުހަލާގެ ތެރެއިން އެކަން ބިލުން އިސްލާހު ކުރުމަށް ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންނަށް އަންގަވާފައިވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރު ޕީއެންސީގެ މެމްބަރުންނަށް ދަންނަވާފައިވާނެ ބިލް އިސްލާހުކުރާ މަރުހަލާ އަކަށް ގޮސްފިނަމަ އިސްލާހުކުރާއިރުގައި، އެ އުފެދޭ ކޮމިޝަންގެ ތެރެއިން އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ވޯޓްލައިގެން ހޮވާ މީހެކޭ ރައީސަކަށް ވާންވާނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މީޑިޔާއަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. މީޑިޔާ ވާންޖެހޭނީ މިނިވަންކަމާ އެކީގައި އޮޕަރޭޓްކުރާ ތަނަކަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މީޑިޔާގެ ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކީގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު