ފުށިދިއްގަރު ފަޅު ހިއްކުން މިވަގުތަށް މަޑުޖައްސާލަން ނުވަތަ ހުއްޓާލަންޖެހޭ ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުޅުއްވަނީ އިސްކަންދޭންވީ ތަރުތީބު އޮޅިގެން ކަމަށް ގާނޫނީ ވަކީލު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ފަހި ޔޫނިއަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު އަލީ ޙުސައިން ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމަކީ ސަރުކާރުގެ ބަޖެޓުގައި ނެތް ކަމެއް ކަމަށެވެ. އަލީ ވިދާޅުވީ، ސަރުކާރުން ބަޖެޓުގައި ހިމަނާފައިނުވާ މަޝްރޫޢެއް ފެށުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އަދި މި މަސައްކަތް ފެށި ގޮތުން، ދޭންޖެހޭ ފައިސާ ނުދެވިގެން ބޯޓުތައް ފުރުންފަދަ ކަންކަންވެސް ދިމާވެފައިވާ ކަމަށް ޢަލީ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވައުދުތަކަށް އަލިއަޅުވާލައްވައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، 2025 ފެބުރުވަރީ 27 ގައި ޔޫޓީއެފް (ގުޅީފަޅު) ހިއްކައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. ރައީސްގެ ވައުދު ފުއްދުމަށް މިހާރު ވެސް ފުށިދިއްގަރަށް އަޅާފައިވާ ވެލި ބޭނުންކުރެވިދާނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ވިދާޅުވީ ގިރާވަރު ފަޅާއި، ހުޅުމާލޭ ފޭސް 3 ގުޅިފަޅާއި، ޔޫޓީއެފް ފަދަ ތަންތަން ހިއްކާ ނިންމުމަކީ މި ސަރުކާރަށް މާ ބޮޑު ކަމެއް ނޫން ކަމަށެވެ. ފުށިދިއްގަރު ފަޅަށް މިހާރު އަޅާފައިވާ ވެލި، ގުޅީފަޅު ފަދަ ތަންތަނަށް އެޅުނު ނަމަ، އެތަންތަން ހުންނާނީ މިހާރު ހިއްކާ ނިމިފައި ކަމަށް ޢަލީ ވިދާޅުވިއެވެ.

"މިހާރު ފުށި ދިއްގަރު ފަޅަށް އެޅިވެލި މި ތަންތަނަށް އެޅި ނަމަ އޮންނާނީ ހިއްކިފައި،" އަލީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަލީ ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަމުގެ ވައުދުތައް ނުފުދިގެން އުޅެނީ ސަރުކާރުގައި ފައިސާ ނެތިގެން ނޫން ކަމަށާއި، މަސައްކަތް ކުރާނެ ވަސީލަތް ނެތިގެނެއް ވެސް ނޫން ކަމަށެވެ. ނަމަވެސް، ރައީސް މުޢިއްޒު އުޅުއްވަނީ އިސްކަންދޭންވީ ތަރުތީބު އޮޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ދެކެވަޑައިގަންނަވާ ގޮތުގައި ފުރަތަމަ ބައްލަވަންޖެހޭނީ ކުރައްވާފައިވާ ވައުދުތައް ފުއްދެވުމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ހިއްކަން ވިދާޅުވެފައިވާ ތަންތަން ހިއްކާ ނިންމާ، ޔޫޓީއެފްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ފެށުމަށް ޢަލީ ގޮވާލެއްވިއެވެ.

ފަހި ޔޫނިއަންގެ ފަރާތުންނާއި ޔޫޓީއެފް ޔޫނިއަންގެ ފަރާތުން ވަކީލު އަލީ ޙުސައިން ގޮވާލެއްވީ، މި ވަގުތު ފުށިދިއްގަރު ފަޅު ހިއްކުން މަޑުޖައްސާލާފައި، އަދި ނުހިއްކާ ހުރި އުތުރު ތިލަފަޅާ ގިރާވަރު ފަޅާއި ގުޅިފަޅު ހިއްކާ ނިންމައިދެއްވުމަށެވެ. އަދި، ހިއްކާ ނިންމައިދެއްވާފައި ވައުދާ އެއްގޮތަށް ގެޒެޓްގައިވާ ނަންތައް އިވެލުއޭޓް ކުރުމަށްފަހުގައި ޙައްޤުވާ ފަރާތްތަކަށް ބިން ދިނުމަށް ވެސް ޢަލީ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

"އުތުރު ތިލަފަޅާ، ގިރާވަރު ފަޅާ، ގުޅީ ފަޅާ އަދި ދެން ހުޅުމާލޭ ފޭސް 3 ވެސް، ހިއްކަން ޖެހޭ ހުރިހާތަނެއް ހިއްކާ ނިންމާފަ ވިޔަސް ގޯތި ދޭން ޖެހޭ މީހުންނަށް ގޯތި ދީ އަވަހަށް ނިންމާލާށޭ. އެއީ އަޅުގަނޑުމެން ދަންނަވަން ޖެހޭ ވާހަކަ އަކީ. އެއީ އޭ ރައީސް މުއިއްޒު ވެވަޑައިގެންފައި އޮތް ވައުދަކީ. އެހެން ނަމަވެސް އެ ވައުދާއި އެއްގޮތަށް އަމަލުނުކުރާ ކަމަށް ވަންޏާ، ރައީސް މުއިއްޒު ހަނދުމަފުޅުކުރައްވަން އެބަޖެހޭ މިއީ ދިވެހިންކަން." ޢަލީ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ބޯހިޔާވަހިކަން ފޯރުކޮށް ނުދީ ދިގުލައިގެން ގޮސް ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލުމުން ރައްޔިތުން ބަލަން ނުތިބޭނެ ކަމަށާއި ދެން ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދަން މަގުމައްޗަށް ނުކުންނާނޭ ކަމަށް ޢަލީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު