މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާއި މެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މި ބިލަކީ ސަރުކާރުގެ ނުފޫޒު އޮތް މެންބަރަކު ހުށަހަޅުއްވާފައިވާ ބިލެކެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާ ދާއިރާ ރެގިއުލޭޓްކުރުމަށް ހުށައަޅާފައިވާ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކޮށްފާނެ ބިލެއްކަމަށް ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިން ވަނީ ފާހަގަކުރައްވާފައެވެ. މި ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހަތަށް ޖެހިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅު ކުރެއްވިއެވެ.

އެގޮތުން ނޫސްވެރިކަމުގައި 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ އަދި "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމެއްގެ ދަށުން ވެރިކަންކުރަން ފެށިތާ ގާތްގަނޑަކަށް 20 އަހަރު ވެފައިވާ ކަމަށެވެ. މި ބިލާއެކު ނޫސްވެރިކަމުގެ މިނިވަންކަން އޭގެ ކުރިން އޮތް ގޮތަށް ސޮއްސާލާ މަންޒަރު ފެންނަ ކަމަށް ހިރިގާ ވިދާޅުވިއެވެ.

ހިރިގާ ވަނީ މި ބިލުގެ ބައެއް މާއްދާތައް ފަރުމާކޮށްފައިވަނީ ޖިނާއީ އަދަބު ދީ ނޫސްވެރިން ސީދާ ޖަލަށް ފޮނުވާލެވޭ ފަދަ ގޮތަކަށްކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އަދަދު" ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ މި ބިލަކީ މަކަރުވެރި ނިޔަތެއްގައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. މި ބިލުގެ ސަބަބުން މީޑިއާ އާއި ނޫސްމަޖައްލާތައް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް މަގުފަހިވެގެންދާނެކަން ފިޔާޒު ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖޭގައި އޮތް މީޑިއާ ކައުންސިލްގެ އޮނިގަނޑަކީ މީޑިއާތަކުން އަމިއްލައަށް ޖަވާބުދާރީވެ ޒިންމާ އަދާކުރެވޭ ގޮތަށް އެކުލަވާލެވިފައިވާ އޮނިގަނޑެއްކަން ފިޔާޒް ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރިން މީޑިއާތަކަށް ކައުންސިލުން ފިޔަވަޅު އަޅައި އަދަބު ދީފައިވާކަމަށްވެސް ފިޔާޒު ވިދާޅުވިއެވެ.

ބިލުގައިވާ ގޮތުން ނޫސްމަޖައްލާތަކާއި ޗެނަލްތަކުގެ ހުއްދަތައް ހިފެހެއްޓުމަކީ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކާއި އުސޫލުތަކާ ޚިލާފު ކަމެއްކަމަށް ފިޔާޒް ވިދާޅުވިއެވެ. އަދި މީޑިއާއެއްގެ މައްސަލަ ބަލަމުންދާއިރުވެސް ފިޔަވަޅު އެޅޭ ގޮތަށް ބިލު އޮތުމުން، ކުށެއް ސާބިތުނުވަނީސް ފިޔަވަޅު އެޅުމުގެ ހަމަޖެހޭ އުސޫލެއް ނެތްކަމަށް ފިޔާޒު ވިދާޅުވިއެވެ. ފިޔާޒް އިތުރަށް ވިދާޅުވެފައިވަނީ، މި ބިލާ ގުޅޭގޮތުން އިތުރު މަޝްވަރާކުރަން ޖެހޭ ކަމެއް ނެތް ކަމަށާއި، ނޫސްވެރިން ބިލާ މެދު ދެކޭގޮތް ހާމަކޮށްފައިވާ ކަމަށެވެ.

ދައުރު" ނޫހުގެ ޗީފް އެޑިޓަރު އަދި ނޫސްވެރިކަމުގައި ގާތްގަނޑަކަށް 40 އަހަރު ޚިދުމަތް ކުރަށްވާފައިވާ މޫސާ ލަތީފް ވިދާޅުވީ އެބިލްގެ ފަހަތުގައި ފޮރުވިފައި އޮތީ ރާއްޖޭން މިހާރު އޮތް މިނިވަން މީޑިއާ ހިފަހައްޓައި ސަރުކާރުން މީޑިޔާ ކޮންޓްރޯލްކުރުން ކަމަށެވެ.

މީޑިއާ ބިލު ފާސްވެއްޖެނަމަ، އޭގެ ސަބަބުން ވަކިވަކި ނޫސްވެރިންނަށް 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

މީގެ އިތުރުން، އައު ޤާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ވަރަށް ފުޅާ ބާރުތަކެއް ލިބިގެންދާނެއެވެ. މިގޮތުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއްގެ ތަޙުޤީޤު ފުރިހަމަ ނުވަނީސް، މީޑިއާ ވަސީލަތްތަކުގެ ރަޖިސްޓްރޭޝަން ބާޠިލުކުރުމާއި ނޫސްތަކުގެ ޚިދުމަތް ހުއްޓުވާލުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބެެއެވެ.

މި ސަބަބުތަކަށްޓަކައި، މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު