ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 16 ވަނަ އިޞްލާޙަކީ ކައުންސިލްތަކަށް ގެއްލުންވާ، އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ އިޞްލާޙުތަކެއް ކަމަށް ވިދާޅުވެ އެކަން ބަދަލުކުރަން ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު ޢާތިފް މިރޭ އެދިވަޑައިގެންފިއެވެ.

ކުޅުދުއްފުށީގައި ރޭ ބޭއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި، ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު ޢާތިފް ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 16 ވަނަ އިޞްލާޙަކީ ކައުންސިލްތަކަށް ގެއްލުންވާ، އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ އިޞްލާޙުތަކެއް ކަމަށް ވިދާޅުވެ، އެ ބަދަލުތައް އަނބުރައި ރަނގަޅުކުރުމަށް ރައީސްގެ އަރިހުން ވަރަށް އިޚުލާޞްތެރިކަމާއެކު އެދިވަޑައިގެންފައެވެ.

މޭޔަރު މުޙައްމަދު ޢާތިފް ވިދާޅުވީ ދިވެހިރާއްޖެ އުފެދިފައި އޮތީ ލާމަރުކަޒުކޮށް ކޮންމެ ރަށެއް ވަކިން ވަކި އުރަފަށާއި، ވަކި ގޮނޑުދޮށަކާއި، ވަކި ކަނޑުއޮޅިއަކުން ވަކިވެފައިވާ ގޮތަށް ކަމަށެވެ. އެހެންކަމުން، މާލޭގައި ހުންނަ ވުޒާރާއަކުން ރަށުގެ ޢާންމު ރައްޔިތުންނަށް ޚިދުމަތްތައްދިނުމަކީ މިއަދު ރައްޔިތުން އެންމެ ބޭނުންވާ ގޮތެއް ނޫން ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އަދި އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު، އެންމެ އަވަސް ޚިދުމަތް ލިބޭނެ ގޮތް ކަމަށް ވެސް ކައުންސިލްތަކުން ގަބޫލުނުކުރާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމާއި، ޤާނޫނަށް މި ގެނެވުނު ސޯޅަ ވަނަ އިޞްލާޙަކީ ޙަޤީޤަތުގައި ކައުންސިލްތަކަށް ވަރަށް ބޮޑަށް ގެއްލުންވާ އަދި އޭގެ ސަބަބުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަށް ވެސް ބުރޫއެރުން އެކަށީގެންވާ ކަހަލަ ގޮތަކަށް އޮތް އިޞްލާޙުތަކެއްކަން ފާހަގަވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެންމެ ހިތާމަކުރައްވާ ކަމަކީ، މި ބިލު މަޖިލީހަށް ހުށަހެޅުމާއެކު، ކުޅުދުއްފުށި ސިޓީ ކައުންސިލުން ބިލާ ބެހޭ ގޮތުން ފުރިހަމަ ތަފްސީލު ދިރާސާއެއް ހަދާފައި، ލާމަރުކަޒީ ކޮމިޓީއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާއިރު އެކަމަށް ސަމާލުކަން ނުދީ ބިލް ފާސްކޮށްފައިވުމުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ޢާތިފް ވިދާޅުވީ، ކުޅުދުއްފުށީގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ރައީސްގެ އަރިހުން މިއަދު އެދިވަޑައިގަންނަވަނީ، ލާމަރުކަޒީ ޤާނޫނަށް ފަހުން ގެނެސްފައިވާ "ގޯސް ބަދަލުތައް" އަލުން ރަނގަޅުކޮށްދެއްވުމަށް ކަމަށެވެ. އެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު