އެޑިއުކޭޝަން މިނިސްޓަރ
އެޑިއުކޭޝަން މިނިސްޓަރ
ސަރުކާރުގެ ސްކޫލުތަކުން ހިލޭ މަތީ ތައުލީމު ހާސިލްކުރެވޭއިރު، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލުތަކަށް ދާކުދިންގެ ފީ ދެއްކުމަކީ ސަރުކާރުގެ ޒިންމާއެއް ނޫންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަފީއު މިހެން ވިދާޅުވެފައިމިވަނީ އަމިއްލަ ސުކޫލްތަކުގައި މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދެމުންދާ ފީ ކަނޑާލުމާ ގުޅިގެން ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރަމުން އެޑިއުކޭޝަން މިނިސްޓްފީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ އޭލެވެލްއަށް އަމިއްލަ ސްކޫލުތަކުން ފީ ދައްކައިގެން ކިޔަވަންޖެހޭ ގޮތަށް ގެނައި ބަދަލަކީ ބެލެނިވެރިން އެ ބަދަލަކަށް ތައްޔާރުނުވެ ތިއްބައި އައި މާލީ ބުރައެއް ކަމަށާއި އަވަސް އަރުވާލައިގެން ރަނގަޅަށް ދިރާސާނުކޮށް ގެންނަ ބޮޑެތި ބަދަލުތަކުގެ ނޭދެވޭ އަސަރުކުރަނީ ދަރިވަރުންގެ ކުރިއެރުމަށް ކަމަށެވެ.

އިހުސާނުގެ މި ވާހަކަތަކަށް ރައްދުދީ ސަރުކާރުގެ ނިންމުން ދިފާއުކުރައްވައި ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝަފީއު ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ ކަމަށެވެ.

"ސަރުކާރުގެ ސްކޫލަށް ވަންނަން ނޭދި، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަށްދާ ކުއްޖާގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫން." ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެގޮތަށް އެކަން ކުރާނަމަ ގްރޭޑް 1ން ފެށިގެން 10އަށް ސަރުކާރުގެ ސްކޫލަކަށް ވަންނަން ނޭދި އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަށް ވައްދާ ކުއްޖާއަށް ވެސް ފީދައްކަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން މިހެން ކުރާނަމަ އޭގެ ނަތީޖާއަކަށް ވާނީ އަމިއްލަ ސްކޫލުތަކުގެ ބޭނުން ކެނޑުން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ބައެއް މަދު ގައުމުތަކުގައި ދީނީ ގޮތުންނާއި ސަގާފީ ގޮތުން ހުންނަ ތަފާތުތަކަށް ރިއާޔަތްކޮށް ބައެއް ދަރިވަރުންނަށް އެހީދޭކަމަށާއި އެހެންނަމަވެސް ރާއްޖޭގައި އެފަދަ ހާލަތެއް ނެތްކަމަށް ޝަފީއު ވިދާޅުވިއެވެ.

"އެއް ދީނެއް. އެއް ސަގާފަތެއް. ކިޔަވައިދެނީ އެއް ކަރިކުލަމަކަށް، ކުދިން ހަދާނީ އެއް އިމްތިހާނެއް. އަމީނިއްޔާ ދަރިވަރުން ހަދާ އިމްތިހާނު ބިލަބޮން ގައިވެސް ހަދާނީ. ވ. އަތޮޅު ތައުލީމީ މަރުކަޒު ދަރިވަރުން ހަދާ އިމްތިހާނު އިޔާޘުއްދީން ދަރިވަރުންވެސް ހަދާނީ." ޝަފީއު ވިދާޅުވިއެވެ.

ޝަފީއު އިތުރަށް ވިދާޅުވީ ބައެއް ސްކޫލްތައް އިންޓަނޭޝަނަލް ލޭބަލްގައި ހިންގިޔަސް، ހަގީގަތުގައި ނިޒާމު ގާއިމުކޮށްފައިވާ ގޮތުން ސާނަވީ ފެންވަރު އިމްތިހާނު ހަދާ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ ވެސް އިންޓަނޭޝަލް ސްޓޭންޑަޑުގެ ސްކޫލްތައް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް