ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސަބަބުން އިއްޒުދީން ފާލަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެެއެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސަބަބުން ދާދި ފަހުން ހުޅުވި އިއްޒުއްދީން ޖެޓީ ރީޑިޒައިންކޮށް، ރީލޮކޭޓް ކުރުން ފަދަ ބަދަލެއް އަންނާނެ ކަމަށް ބުނެ ފެތުރެމުން އަންނަ ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެކްސްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސަބަބުން އިއްޒުދީން ފާލަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެެވެ.

"މިހާރު އާއްމުކޮށްފައިވާ ޑިޒައިންތައް ބެލުމުން އެނގޭނެ އިއްޒުއްދީން ޖެޓީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަން. އަދި މަގު ފުޅާ ކުރުމުން އިއްޒުދީން ޖެޓީގެ ސްޓްރަކްޗާއަށް އެއްވެސް ބަދަލެއް ނާންނާނެ،". މިނިސްޓަރު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ފުޅާކޮށް، ޖުމްލަ 830 މީޓަރުގެ ދިގުމިނަށް (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) ތާރު އެޅުމާއި، ދުވާރުތައް ތަރައްޤީކުރުމުގެ އިތުރުން ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، މަގުގެ ނިޝާންތަކާއި ސައިންބޯޑުތައްވެސް ބެހެއްޓޭނެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. 830 މީޓަރުގެ މަގު ތަރައްޤީކުރުމުގެ ތެރޭގައި، 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލިންގގެ މަސައްކަތް ހިމެނެއެވެ. އަދި މީގެ އިތުރުން، ތާރު އެޅުމާއި، ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި އަދި ހަރުދަނާ ފެންހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ޙަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.



ކިޔުންތެރިންގެ ހިޔާލު