ނޫސްވެރިން އުލުބައިންދަން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ގޮވާލެއްވި މައްސަލަ އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހުގެ އަމަލަކީ އިންސާނީ ހައްގަކަށް އަރައިގަތުމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.

އެމްޑީޕީ އިން ބުނީ އުލުބޭންދުމަކީ ލާއިންސާނީ އަދަބެއް ކަމަށެވެ. އަދި ނޫސްވެރިންނަށް އެފަދަ އަދަބުތައް ދިނުމަށް ފަލާހު ގޮވާލީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަން ކަމަށް ވެސް އެމްޑީޕީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މީޑިޔާ ބިލަށް ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ އޭނާ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނެ ބައެއް މީޑިޔާތަކުން ދޮގު ޚަބަރު ފަތުރާފައިވާ ކަމަށެވެ. އަދި އެފަދަ ނޫސްވެރިން އުލު ބައިންދަން ޖެހޭ ކަމަށް ފަލާޙް ވިދާޅުވިއެވެ.

"މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވާނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.

އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. ރަދީފުގައި ބުނާގޮތުން އުލުބެއިންދުމަކީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރުމެވެ.

ފަލާޙްގެ ވާހަކަތަކާއި މެދު ގިނަ ނޫސްވެރިންނާއި އެމްޖޭއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު