ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ރައީސް މުލިއާގެއަށް ވަދެވަޑައިގަންނަވަނީ
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ރައީސް މުލިއާގެއަށް ވަދެވަޑައިގަންނަވަނީ
އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ނޫސްވެރިން އުލުބައިންދަން ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ގޮވާލި ނަމަވެސް އެކަމަށް ކޮމެންޓެއް ކުރަށްވަން ރައީސް ޑރ. މުޢިއްޒުވެސް އިންކާރު ކުރަށްވައިފިއެވެ.

މިއަދު ރައީސް ޑރ. މުއިއްޒު މުލިއާގެއަށް ވަޑައިގެންނެވި މަގުމަތީގައި ނޫސްވެރިންވަނީ ނޫސްވެރިން މެރުމަށް ފަލާޙް ގޮވާލާފައިވާކަމަށާއި އެކަމާމެދު ރައީސްގެ ބަސްފުޅަކީ ކޮބައި ކަމާމެދު ސުވާލު ކޮށްފައެވެ. އަދި ހަތިޔާރު ބޭނުން ކޮށްގެން ނޫސްވެރިންގެ ލިޔުންތައް ނުހުއްޓުވޭނެ ކަމަށްވެސް ނޫސްވެރިން ވަނީ ރައީސަށް ދަންނަވާފައެވެ.

ނަމަވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ރައީސް ހަމައެކަނި ވިދާޅުވެފައިވަނީ، “އަޅުގަނޑު ތިޔަކަންތައް ބަލާލާނަން.” ކަމަށެވެ.



ސަރުކާރުން ފަހަތުގައި އޮވެގެން މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ ބަހުސްގައި ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހު އިއްޔެ ވިދާޅުވީ، ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި އުލުބައިދަންވީ ކަމަށެވެ. ދިވެހިބަހުގެ ރަދީފުގައި ބުނާ ގޮތުން، އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މެރުމަށް ހަދާ ގޮތެކެވެ. އެގޮތުން، އުލު ބައިންދާއިރު، ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދާ ކަމަށް ރަދީފުގައިވެއެވެ.



“މީޑިއާ ގެންގޮސް ޖަލަކަށް ނޫން. އުލުބައިންދަންވަނީ. އުލުބައިންދަންވީ.” ދައުރުން ބޭރުގައި އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ފަލާހު ވިދާޅުވިއެވެ.

ނޫސްވެރިން އުލުބައިންދަން ފަލާޙް ގޮވާލުމުން އެކަމަށް ރައީސް ކޮމެންޓް ކުރަށްވާފައި ނުވާއިރު، ފަލާހުގެ ވާހަކަތަކާ ދެކޮޅަށް ބަސް ވިދާޅުވި ސްޕޯޓްސް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އިބްރާހިމް ސައީދު (ކޭޑު) މިއަދު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު