މީޑިއާ ބިލުގެ ދިރާސާ ކުރިއަށް ގެންދަންވާނީ ޤައުމީ ފެންވަރުގައި ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މަޖިލީހުގެ ކޮމިޓީގައި ބުނެފިއެވެ.

މީޑިއާ ބިލު ދިރާސާ ކުރަމުންދާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން މިއަދު ވިދާޅުވީ ފުރިހަމަ ދިރާސާއަކަށްފަހު، އެ ބިލު އެކުލަވާލަންޖެހޭ ކަމަށެވެ.

އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤު ވިދާޅުވީ އެ ބިލު ޑްރާފްޓް ކުރެއްވިއިރު، އެ ކޮމިޝަނާ މަޝްވަރާ ކުރެއްވިނަމަ ރަނގަޅުވީސް ކަމަށެވެ. އަދި މިހާރު ބިލު އެކުލަވައިލައިފައި އޮތް ގޮތް ބެލުމުން، ޑްރާފްޓުކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެއްވެސް ފަރާތްތަކާ އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައިވާ ކަަމަށް ނުދެކޭ ކަމަށް ޞަފާ ވިދާޅުވިއެވެ.

ހަމައެއާއެކު، މީޑިއާ ބިލުގައި އޮންލައިން މީޑިއާތަކާއި ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ އިތުރުން ސޯޝަލް މީޑިއާ ވެސް ރެގިއުލޭޓް ކުރަންޖެހޭ ގޮތަށް އޮތުމުން އެކަމުގެ ކަންބޮޑުވުން ސަފާ ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ ޞަފާ ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި އޮންނަންޖެހޭނީ ސެލްފު-ރެގިއުލޭޓަރީ ނިޒާމެއްތޯ ތޯ ނުވަތަ ކޯ-ރެގިއުލޭޓަރީ ބޮޑީއެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އޭގެއިތުރުން ގައުމީ ފެންވަރުގައި ދިރާސާއެއްކޮށްގެން ބިލު ތައްޔާރު ކުރުމަށްވެސް އޭނާ ހުށައެޅުއްވިއެވެ.

“އަޅުގަނޑުމެން އެދެނީ މިވަރުގެ ބިލަކަށް މަޝްވަރާކޮށް އިތުރަށް ދިރާސާކުރަން ވަގުތު ބޭނުންވާނެ.” ޞަފާ ވިދާޅުވިއެވެ.

މިހާރު ހުށަހަޅާފައިވާ ބިލްގައި އަޅަން ހުރި ވަރަށް ގިނަ ފިޔަވަޅުތަކަކީ ބްރޯޑްކޮމްގެ ގާނޫނުގައި މިހާރު ވެސް ހިމަނާފައިވާ ކަންކަން ކަމަށާއި، ނަމަވެސް މިހާރުގެ ޙާލަތަށް ބަލާއިރު ގިނައިން ހުރީ ތަންފީޒު ނުކުރެވޭނެ ކަންކަން ކަމަށް ޞަފާ ވިދާޅުވެފައިވެއެވެ.

މިއަދުގެ ކޮމިޓީގައި ކޮމިޝަންގެ މެންބަރުން ވާހަކަފުޅު ދައްކަވައި ނިންމެވުމުން ކޮމިޓީގެ މެންބަރުން އިތުރު ސުވާލެއް ކުރިމަތި ކުރަށްވާފައެއް ނުވެއެވެ.

ބްރޯޑްކޮމް އިން މިހެން ބުނެފައިވާއިރު، ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް އަނބުރާ ގެންދިއުމަށް ބައިނަލްއަޤުވާމީ ޖަމާޢަތްތަކުންނާއި، ރާއްޖޭގެ މީޑިއާތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު