އެސްއޯޖީއެމް ވޯކްޝޮޕް ސީރީޒް 3 ނިންމުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ-
އެސްއޯޖީއެމް ވޯކްޝޮޕް ސީރީޒް 3 ނިންމުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ-
އަންހެނުންގެ ދުޅަހެޔޮކަން ކަށަވަރުކުރެވޭނެ ފަދަ ޞިއްޙީ ނިޒާމެއް ގާއިމްކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައޒިސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕަސްޓްލޭޑީ މިހެން ވިދާލުވީ އެސްއޯޖީއެމް ވޯކްޝޮޕް ސީރީޒް 3 ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެކަމަނާގެ ވާހަކަފުޅުގައި އެންޑޯމެޓްރިއޯސިސް ބައްޔަށް އަލިއަލުވާލަމުން ވިދާޅުވީ އެންޑޮމެޓްރިއޯސިސްއަކީ އިތުރު ސަމާލުކަމެއް ދޭންޖެހިފައިވާ މުހިންމު ޞިއްޙީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެމުންދާ ބައްޔެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ ކޮންމެ 10 އަންހެނުންގެ ތެރެއިން އެކަކަށް ޖެހޭ ބައްޔެއް ކަމަށާއި ރާއްޖޭގައިވެސް ގިނަ އަންހެނުންނަށް މި ބަލި ޖެހިފައިވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

"މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ އާދައިގެ އަންހެނުންތަކެއް އާދަޔާ ޚިލާފު ބައްޔަކާދެކޮޅަށް މިހާރުވެސް ހަނގުރާމަކުރަމުންދާކަން" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ހަމައެއާއެކު، އެންޑޮމެޓްރިއޯސިސްއާއެކު ދިރިއުޅޭ އަންހެނުންނަކީ އާދަޔާ ޚިލާފު ކެތްތެރިކަމެއް ހުރި ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެ ފަރާތްތަކަކީ މަސައްކަތުގެ ޒިންމާތަކާއި، އާއިލާއާއި ގޭތެރޭގެ ޒިންމާތަކާއެކު އެއްހަމައެއްގައި ކުރިއަށްދާ ބައެއްކަމަށް މެޑަމް ވިދާޅުވިއެވެ.

ހަމައެހެންމެ ގިނަ މީހުން ވަޒީފާ ގެއްލުމުގެ ބިރުން މީހުން ދެކެފާނެ ގޮތަކާމެދު ވިސްނައި މިބަލި ހާމަނުކޮށް މަސައްކަތަށް ނުކުންނަކަން މެޑަމް ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ހަށިގަނޑުގައި ކިތަންމެ ވޭނެއް އެޅިއެއްކަމަކު މަސައްކަތަށް ހާޒިރުވެ، ގޭތެރޭގެ މަސައްކަތުގައި ހަރަކާތްތެރިވެ އާއިލާގެ ކަންކަން ބަލަހައްޓަމުންދާކަން ކަމަށްވެސް މެޑަމް ވިދާޅުވިއެވެ.

މި ބަލި ތަހައްމަލުކުރަމުންދާ އަންހެނުންނަށް އެމީހުންގެ ވޭނަކީ ހަމައެކަނި ސިކުނޑީގައި އުފެދޭ އެއްޗެއްކަމަށް ބުނެވިފައިވާ ކަމަށާއި، ޚާއްޞަ ފަރުވާއާއި ވަގުތުން ބަލި ދެނެގަތުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ގިނަ އަންހެނުން ސަރޖަރީތަކަށް ދާންޖެހިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެންޑޮމެޓްރިއޯސިސްގެ އަސަރު ޖިސްމާނީ އަލާމާތްތަކަށްވުރެ މާބޮޑަށްވެސް ފުޅާކަން ފާހަގަކުރައްވައި މެޑަމް ވިދާޅުވީ ބަލި ދެނެގަނެވިފައިވިޔަސް ނުވަތަ ނޫންނަމަވެސް، އެކަމުގެ އަސަރު ނަފްސާނީ ދުޅަހެޔޮކަމަށާއި، ޖިސްމާނީ ޞިއްޙަތަށް ކުރާ ކަމަށެވެ. މިކަމުގެ ސަބަބުން ބަލި ތަހައްމަލު ކުރާ މީހުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ހިތްދަތިކަން އުފެދި، އެމީހުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް މެޑަމް ވިދާޅުވިއެވެ.

މެޑަމް ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަހު ކުރެވުނު މަޝްވަރާތަކުން، ދިވެހި އަންހެނުންނަށް އެންޑޮމެޓްރިއޯސިސްގެ ސަބަބުން ކުރާ އަސަރު ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ހަމައެކަނި ޞިއްޙީ މައްސަލައެއް ނޫންކަމަށާއި، މިއީ ގިނަ ފަރުދުންނާއި، ޢާއިލާތަކާއި އަދި މުޖުތަމަޢުތަކަށް އަސަރުކުރާ ބައްޔެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

އެކަމަނާ ވަނީ، މި މަސައްކަތު ބައްދަލުވުމުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، މައްސަރުކަންތަކާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

އަދި ޤައުމީ ފެންވަރެއްގައި ކަމުގެ މާހިރުންގެ މެދުގައި ގުޅުން ޤާއިމުކުރެއްވުމަށް ކުރައްވާ މަސައްކަތަށާއި، ޝާމިލުގޮތެއްގައި ފަރުވާދިނުމަށާއި ޢިލްމު ހިއްސާކުރެއްވުމަށް އެސް.އޯ.ޖީ.އެމުން ކުރައްވާ މަސައްކަތަށް މެޑަމް ވަނީ ތައުރީފު ކުރަށްވާފައެވެ.

މެޑަމްގެ ވާހަކަފުޅު ނިންމާލަމުން ވަނީ އެންޑޯމެޓްރިއޯސިސްއާ ގުޅޭގޮތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަށާއި، އަންހެނުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އަޑުއުފުލުމުގައި ސާބިތުވެ ތިއްބެވުމަށް، ކަމާގުޅޭ ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

އަދި މިއަދު ނިމުނު މަސައްކަތު ބައްދަލުވުން ވާން ޖެހޭނީ ހަމަ އެކަނި މަޝްވަރާ ކުރުމުގެ މަންސައަކަށް ނޫންކަމަށާއި، އެ ބައްދަލުވުން ވާންޖެހޭނީ ޞިއްޙީ ނިޒާމު އިސްލާޙުކުރުމަށް ލިބޭ ހިތްވަރަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު