ޓްރީޓޮޕް ހޮސްޕިޓަލްގެ އިވެންޓެއްގެ ތެރެއިން-
ޓްރީޓޮޕް ހޮސްޕިޓަލްގެ އިވެންޓެއްގެ ތެރެއިން-
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ހާއްސަ ބަލިތަކުގެ ހިދުމަތްތައް އާންމުންނަށް ދައްކާލުމުގެ އިތުރުން ޑޮކްޓަރުންނާ ހިލޭ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ބާއްވާ މި މައުރަޒު ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 5 އިން 7 ގެ ނިޔަލަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯއަކީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ އިސް ފަރާތްތަކާއި، ހާއްސަ ބަލިތަކުގެ ޑޮކްޓަރުން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ވަކާލާތުކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި އާއިލީ ދުޅަހެޔޮކަން ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުހިންމު ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން އަންހެނުންގެ ސިއްހަތާއި، ދަރިމައިވުމުގެ މައްސަލަތައް، ދަތުގެ ފަރުވާ، އަނގަޔާއި މޫނުމަތީގެ ސާޖަރީ، ޓްރޯމާ ކެއާ އަދި ނިއުރޯސާޖަރީ ފަދަ މުހިންމު ދާއިރާތަކުން ޓްރީ ޓޮޕްގެ ހާއްސަ ޑޮކްޓަރުންނާ މަޝްވަރާކުރުމާއި މައުލޫމާތު ހޯދުމުގެ ފުރުސަތު އާންމުންނަށް ވަނީ ތަނަވަސްކޮށްދީފައެވެ.

އެގޮތުން، އެކްސްޕޯ ކުރިއަށްދާ ތިން ދުވަހު ޑޮކްޓަރުންނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ތިރީގައިވާ ގޮތަށެވެ:

5 ނޮވެމްބަރު: ދަރިމައިވުމުގެ މައްސަލަތައް، މާބަނޑު ދުވަސްވަރުގެ ފަރުވާ، އަދި ވިހެއުމުގެ ކުރިން ދެވޭ ފަރުވާގެ ހާއްސަ ޑޮކްޓަރުން ކަމަށްވާ ޑރ. ޒަކިއްޔާ އަދި ޑރ. ވަރުޝާ.

6 ނޮވެމްބަރު: ދަތުގެ ފަރުވާ އަދި އަނގަޔާއި މޫނުމަތީގެ ސާޖަރީއަށް ހާއްސަ ޑރ. ރީޝާ އަދި ޑރ. ސަލްމާން.

7 ނޮވެމްބަރު: ކުޑަކުދިންގެ ބަލިތައް، ޓްރޯމާ އަދި ނިއުރޯސާޖަރީއަށް ހާއްސަ ޑރ. އެލެސަންޑްރާ އަދި ޑރ. ޖޯ.

އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ޓްރީ ޓޮޕްގެ ސްޓޯލުން މި ޑޮކްޓަރުންނާ ބައްދަލުކުރެވޭނެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އާއިލާތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ސިއްހީ ސުވާލުތަކަށް ޖަވާބުދީ، ދުޅަހެޔޮ ދިރިއުޅުމަކަށް އެހީތެރިވެދިނުމަކީ އެ ހޮސްޕިޓަލުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެހެންކަމުން އެކްސްޕޯގައި ހުންނަ ޓްރީ ޓޮޕްގެ ސްޓޯލަށް ޒިޔާރަތްކޮށް، ސިއްހީ މައުލޫމާތު ހޯދުމުގެ މި ހާއްސަ ފުރުސަތުގެ ބޭނުން ހިފުމަށް ހުރިހާ ފަރާތްތަކަށް އެ ހޮސްޕިޓަލުން ވަނީ ދައުވަތު އަރުވާފައެވެ.

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުއިއްޔާ ޖަމާއަތްތަކުން ބައިވެރިވާ މި އެކްސްޕޯއިން، ރާއްޖޭގައި ލިބެންހުރި ސިއްހީ ހިދުމަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ލިބެމުންދާނެއެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމައުގެ ބައިވެރިވުން ވަރުގަދަކުރުމަށް ކުރިއަށްގެންދާ މި އެކްސްޕޯއަކީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ވެސް ހުޅުވާލައިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް