މިއީ މާލޭ ސަލްޓަން ޕާކު ހުރި ތަނުގައި އިހު ހުރި ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރު ނުވަތަ އެތެރެކޮއިލަށް ވަދެނިކުމެ ހެދުމަށް ބޭނުންކުރި ރަސްމީ ދޮރާށިކަމުގައިވާ ހިއްތަން ދޮރާއްޓެވެ.

ހިއްތަން ދޮރާއްޓަކީ ކަންނަންނޫރު އަލީރާޖާގެ އަތުން ރާއްޖެ މިނިވަންކުރުމެއްވުމަށްފަހު، އަލީރާޖާގެ ރަހީނުކުރި ދިވެހިރާއްޖޭގެ ރަސްގެފާނު އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނުގެ ދަރިކަނބަލުން އާމިނާ ރަނިކިލެގެފާނު ރަސްކަމަށް ލައްވައިގެން، ސަރުދާރުވެ ހުންނަވައި ޙަސަން ރަންނަބަނޑޭރި މަނިކުފާނު (މުލީގޭ ދޮން ޙަސަން މަނިކު) ރަސްކަމުގެ ކަންކަން ބެލެހެއްޓެވި ދުވަސްވަރު، ގަނޑުވަރު އަލުން މަރާމާތުކުރެއްވިއިރު ބެހެއްޓެވި ދޮރާއްޓެކެވެ.

ދޮރާށި ބެހެއްޓެވީ ހިޖުރައިން 1172 ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 1759 ގެ މާޗު މަހުގެ ތެރެއެވެ. މިދޮރާށީގެ ވަޑާމުގެ މަސައްކަތްކުރީ ހިރިލަންދޫ އިސްމާއީލު މާވަޑިއޭ ކިޔުނު މާވަޑިއެކެވެ.

މުލީގޭ ޙަސަން ރަންނަބަނޑޭރި މަނިކުފާނަކީ މިދޮރާށި ބެހެއްޓި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރަސްކަމަށް އިސްކުރެވުނު އައްސުލްޠާން ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) އެވެ. 1752 ގައި ހޮޅީން ދިވެހިރާއްޖެ ހިފިއިރު ގަނޑުވަރުގެ ބޮޑުބައެއްގައި ހުޅުޖެހުމުގެ ސަބަބުން ގަނޑުވަރުގެ ތަންތަން ވަރަށް ބޮޑަށް ހަލާކުވެ ސުންނާފަތިވެފައި ވަނިކޮށް އަލުން ހައްދަވައި މަރާމާތުކުރައްވަން ފެއްޓެވީ ޙަސަން ރަންނަބަނޑޭރި މަނިކުފާނުގެ ވެރިކަމުގައެވެ. ގަނޑުވަރުގެ އެއްކޮށް މަރާމާތުކޮށް ނިމުނީ އެ މަނިކުފާނު ރަސްކަމަށް ވަޑައިގަތް ފަހުންނެވެ.

ހިއްތަން ދޮރާއްޓަކީ ފާރަވެރިން ތިބެގެން ބަލަހައްޓަމުން ދިޔަ ދޮރާއްޓެކެވެ. އެ ދޮރާށި ހުރީ ނާބުސްޚާނާ ތެރެއިިން ލާފައި ގަނޑުވަރަށް ވަދެވޭ ގޮތަށް އެތަނުގެ މެދުގައެވެ. ނާބުސްޚާނާއަކީ ވަރަށް ވަރުގަދަކޮށް ބުރުޒެއްހެން އުސްކޮށް ހަދާފައި ބޮޑު އިމާރާތެކެވެ.

މި ފޮޓޮއަކީ 1963 ގައި ނަގާފައިވާ ކަޅާއި ހުދުގެ ފޮޓޮއެކެވެ. އޭއައި ބޭނުންކޮށްގެން ކުލަކޮށްފައި ވަނީއެވެ. މިއަދު ގަނޑުވަރެއް ވެސް މިދޮރާއްޓެއް ވެސް ނެތެވެ. ނަމަވެސް މި ދޮރާށީގެ ދޮރުފަތުގެ މަތީގައި ހަރުކޮށްފައި ހުރި ލިޔުން ހުރި ދެފިލާ މިހާރުވެސް ގައުމީ ދާރުލްއާސާރުގައި އެބައޮތެވެ. އޭގައި ލިޔެފައި ވަނީ އަރަބިބަހުންނާއި ދިވެހިބަހުންނެވެ.



މީގެ އެއް ފިލާގައި ދިވެހިބަހުން ލިޔެފައި އޮތީ: "هجرއިން މިތަށްވަނަ އަވެރުދު سنة ١١٦٦ السلطان محمد عماد الدين ރަދުނަށް ދިއަފުރަސޫތާވެނުފަން السلطان محمد عماد الدين ރަދުން ރެދަލިކުރަށްވާ ތިންވަނަ އަވެރުދު صفر މަހު ބުދަ ތޭރަ ފޯވިލޭރެއަކު ނުވަފުޅީ އިރު މަލައިބާރީން ވަގަށްއަރައި ރަށްހުޅުގަހައި ރަދުނާއިގެން މިއުރެން ގޮސް ފުރަމާލޭ މިއުރެން ތިބެ ދިވެހިން މަރައި ހާނިށްކަކުރަނިކޮށް މިއުރެންނާއި ހަގުރާމަކޮށް މިއުރެން އަތުން ފިރުކައިގެން އެތެރެކޮއިލު އެންމެ ތަންތަން ހަދައި ރަށްعماރާތްކުރަށްވާން މިحسن ރަންނަބަޑޭރި މަނިކުފާނު ހެށްދެވިހިދު هجرއިން سنة ١١٧٢ މިތަށްވަނައި ރަޖަބުމަހު މިދޮރޯށި ޖަށްސައި އަވަދިކުރަށްވައި ބަހުށްންވިކަމު ހަދާނަށް ލިއާށެވެ އަމުރުދަށްވިހިދު الوزير ދޮންއަލިދަހާރައިއަޅާ ފުތް عمر ގަދަހަމާންތިއަޅާ ލީން."



އަނެއް ފިލާގައި ދިވެހިބަހުން ލިޔެފައި އޮތީ: "السلطان محمد عماد الدين ރަދުން ރެދަލިކުރަށްވާ ތިންވަނަ އަވްރުދު مليباރީން އަރައި ރަދުން ސިންގާސަނާއިން ފިއަވައިގެން ސަދުރަވަތީ އެންމެ ތަންތަން ދަވައި ސުންނާފަތިކޮށް ރަދުން ގެންގޮސް ފުރަމާލެ މިއުރެން ތިބައި މިއުރެން ކުރެން ފިރުކައިގެން ހުރައި محمد ފާމުލަދެރި މަނިކު ފުތް حسن ރަންނަބަޑޭރި މަނިކުފާނު މިއެތެރެކޮއިލު ހެށްދުމަށް ފިކުރުކުރަށްވައި ފުރަމާރަތަށް ޖަށްސަވައި ވަރީން މިފުރަމާރަ ޒީނަކުރަށްވައި ހިރިލަންދޫ اسماعيل މާވަޑިއަޅާ ފުތް اسماعيل މާވަޑިއަޅާ ލަށްވައި هجرއިން މިތަށްވަނައި سنة ١١٧٢ رجب مه މިފުރަމާރަ ޖަށްސަވައި ވަޑާމުން އަވަދިކުރެށްވިކަމި ހަދާން."

މިއީ ކާބަފައިންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަމުގެ ލާމަސީލު މިސާލެކެވެ. ހިއްތަންދޮރާށި 200 އަށްވުރެ ގިނަ އަހަރު ގަދަފަދަކޮށް ހުއްޓެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ހިތްޕުޅަށް ހަމަ އަރައިވަޑައިގަތުމާއެކު ނެތިކޮށްލީއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް