ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން، ފޮޓޯ: އެފްޑީސީ
ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން، ފޮޓޯ: އެފްޑީސީ
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުވާލައިފިއެވެ.

ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ބައެއް މީހުންނަށް އެފްޑީސީން މިއަދު ވަނީ ޑިޕޮސިޓް ދައްކަން ހުޅުވާލާފައިވާ ކަން މެސެޖަކުން އަންގާފައެވެ.

އެ މެސެޖުގައި ބުނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޔުނިޓް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށެވެ.

އެފްޑީސީން ވަނީ މިހާތަނަށް ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ މީހުންނާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމާފައެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،000 ރުފިޔާއެވެ. މީގެ އިތުރުން މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހެއެވެ.

ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 9،500 ރުފިޔާ، މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަންޖެހެއެވެ.

ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކަށް ފެން، ކަރަންޓް، ގޭސް އަދި ކޭބަލް ފަދަ އަސާސީ ހުރިހާ ޚިދުމަތްތަކަށް އެފްޑީސީން ރަޖިސްޓްރީކޮށްދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު