އިނާރ މޯލްޑިވްސްގެ ސީއީއޯ ފިރާގް
އިނާރ މޯލްޑިވްސްގެ ސީއީއޯ ފިރާގް
އައްޑޫ އެއާޕޯޓަށް ގެންނަ ބަދަލާއެކު ފަތުރުވެރިކަމާއި ވިޔަފާރިތައް ކުރިއެރުވުމަށް ފުޅާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އިނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

ފިރާގް މިހެން ވިދާޅުވީ އައްޑޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ވަނީ އައްޑޫ އެއަރޕޯޓުގެ އާ ޓާމިނަލާއި، އަލަށް ހަދާނިމެމުންދާ މަގުތަކާއި، އާ އޭޓީސީ ޓަވަރާއި، އަދި އާ އިދާރީ އިމާރާތާއެކު ގަން އެއާޕޯޓް މުޅިން ތަފާތު އަދި ޒަމާނީ އެއާޕޯޓަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.

"މިއީ ހަގީގަތުގައިވެސް ރީތި އަދި އައްޑޫއަށް ކުރިއެރުމާއި ފަޚުރުގެ ރަމްޒެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" ފިރާގް ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ މި ތަރައްޤީން ތަމްސީލުކުރަނީ ކުރީގެ އިނގިރޭސި މަރުކަޒުގެ މާޒީގެ ވާހަކައާ ގުޅޭގޮތުން މެދުނުކެނޑި ދައްކާ ވާހަކަ ފަނޑުވާނެ މަންޒަރު ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ފަޚުރުވެރިކަމާއެކު ކުރިއަށް ދެވޭނެ ކަމަށް ފިރާގް ވިދާޅުވިއެވެ.

ގަން އެއާޕޯޓަށް އަންނަ ބަދަލުން އައްޑޫގެ ދަތުރުފަތުރުގެ ގުޅުން އިތުރުވެގެން ދިއުމާއެކު ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ސަރަހައްދީ ކުރިއެރުމަށް ފުޅާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފިރާގް ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ލިބި، ހަރުދަނާ އިޤްތިޞާދެއް އުފެދި، ޤައުމީ މައިދާނުގައިވެސް އަދި ބައިނަލްއަޤްވާމީ މައިދާނުގައިވެސް އައްޑޫގެ ތަސައްވުރު އިތުރުވެގެންދާނެ ކަމަށް ފިރާގް ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ މި މަޝްރޫޢުތަކުގެ ނަތީޖާއިން ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމުގެ ޔަޤީންކަން އޭނާއަށް އެބަ އޮތް ކަމަށެވެ. އަދި މި ފާހަގަކުރެވޭ ކާމިޔާބީއަށްޓަކައި އައްޑޫ ރައްޔިތުންނަށް ހިތުގެ އަޑިން ތަހުނިޔާ ދަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު