މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް
މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް
ބާރު އޮތީތީ ބޭނުންހާ ގޮތަކަށް ކަންތައް ކުރުމުން އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

މީޑިއާގެ މިނިވަންކަން ހަނިވާގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލާމެދު ނޫސްވެރިންނާއި އާންމު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، މިއަދު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރޮޒެއިނާ ވިދާޅުވީ މިއަދު ބާރު އޮތީތީ ބޭނުންހާ ގޮތަކަށް ކަންތައް ކުރަމުން ދިޔަނަމަވެސް އޭގެ ނަތީޖާ ވަރަށް ހިތި ވާނެކަމަށެވެ.

"މިއަދު ބާރުގަ ތިއްބަސް ހަމަ މާދަން ނޫންކަމެއް ނޭނގޭ ތި އާރާ ބާރު ގެއްލިގެންދާނީ،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ރައްޔިތުންގެ ހައްގު ދިފާއުކުރުމަށް ހުވާކޮށްފައި ނިކުތް ފަރާތްތަކުން ރައްޔިތުންނަށް ޣައްދާރުވާތަން ކަމަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި އިތުރު ޕޯސްޓެއްގައި ރޮޒެއިނާ ވިދާޅުވީ އަނިޔާކޮށް ދުލުގަ ހިފަހައްޓަން އުޅުމާއި، އެއްވެ އުޅުމަށް ހުރަސް އަޅައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމާއި، ނުހައްގުން ހައްޔަރުކުރުމަކީ މި ސަރުކާރުގެވެސް 'ލެގަސީ' އަކަށް މިހާރު ވެފައިވާ ކަމަށެވެ.

"ދިވެހިންނެއް މި ހައްގުތަކެއް ދުލެއް ނުކުރާނެ. ތި ހެދެނީ ވަރަށް ބޮޑު ގޯހެއް،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ ސަރުކާރަށް މީޑިއާ ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު