މީޑިއާ ބިލާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
މީޑިއާ ބިލާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
މީޑިއާ ރެގިއުލޭޓްކުރާ އާ ޤާނޫނުގެ ދަށުން އުފައްދާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދާއިމީ މެމްބަރުން އައްޔަން ކުރެވެންދެން އެ ކޮމިޝަން ހިންގާނެ ވަގުތީ ކޮމިޓީ ސިވިލް ސާވިސް ކޮމިޝަނުން މިއަދު އެކުލަވާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ތަސްދީގުކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އިންތިގާލީ މަރުހަލާގައި ކޮމިޝަން ހިންގާނެ ފަސް މެމްބަރުން ކަނޑައަޅާނީ ސީއެސްސީންނެވެ. މި ފަސް މެމްބަރުން ވާންޖެހެނީ ސިވިލް ސާވިސްގެ ޑިރެކްޓަރ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުންނަށް ކަމަށާއި، ކޮމިޝަންގެ ވަގުތީ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެމްބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ޤާނޫނުގައިވެއެވެ.

އެގޮތުން އިންތިޤާލީ ކޮމިޝަން ހިންގުމަށް ސީއެސްސީން މިއަދު އައްޔަންކުރީ ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލީ ޒަކީ އާއި، ސިޓީސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މައުސޫމާއި، އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާމިނަތު ނަސީރާއި، އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާމިނަތު ޝާހިދާ އާއި، ޤައުމީ އަރުޝީފްގެ ޗީފް ކޯޕަރޭޓް އެގްޒެކެޓިވް އިމާދު މުހައްމަދެވެ.

ޤާނޫނުގައިވާ ގޮތުން އިންތިޤާލީ ކޮމިޓީއަށް ކުރެވޭނެ މަސައްކަތްތަކަކީ، ކޮމިޝަންގެ އިދާރީ މަސައްކަތްތަކާއި، ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި، މީީޑިއާތައް ރަޖިސްޓަރީ ކޮށްދިނުމަށް ހުށައަޅާ ހުށަހެޅުންތަަކަށް ގޮތްތައް ނިންމުމެވެ.

އަދި ވަގުތީ ކޮމިޓީއަށް ނުކުރެވޭނެ ކަންކަމަކީ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިން ބަލަން ފަށައި، ނުނިމިވާ މައްސަަލަތައް ބަލައި ގޮތް ނިންމުމާއި، ފިޔަވަޅު އެޅުމާއި، މީޑިއާތަކުގެ ރަޖިސްޓަރީ ބާތިލްކުރުމެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ވަގުތީ މެމްބަރުން އައްޔަން ކުރާތާ 30 ދުވަހުގެ ތެރޭގައި ދާއިމީ ކޮމިޝަން އެކުލަވައިލަން ޖެހެއެވެ. އެގޮތުން ދާއިމީ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރަން ޖެހެނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރަނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ކޮމިޝަންގެ ހުރިހާ މެމްބަރުންވެސް ވަކިކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަން ކުރަން ގާނޫނުގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓް ބިލަށް ގެނެސްފައިވާ އިސްލާޙުތަކާއެކު މިހާރު ވަނީ ޤާނޫނުން ވަކިވަކި ނޫސްވެރިންގެ ޖޫރިމަނާ ބައި އުވާލައިފައެވެ. ނަމަވެސް، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސްތަކާއި މަޖައްލާތަކުން ހިލާފު ވެއްޖެނަމަ 5،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

އަދި މައްސަލަތައް ބަލާ ދުވަސްވަރު އެ މީޑިއާއެއްގެ ރަޖިސްޓަރީ ހިފެހެއްޓޭ ގޮތަށް އޮތް މާއްދާ ވެސް މިހާރު ވަނީ އުވާލައިފައެވެ. އަދި ކުރީގެ މައްސަަލަތައް ބެލޭ ގޮތަށް އޮތް މާއްދާވެސް ވަނީ އުވާލާފައެވެ.

ބިލަށް ބައެއް އިސްލާހުތައް ގެނެސްފައިވީ ނަމަވެސް މިހާރުވެސް ޤާނޫނުގައި އޮތީ ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ދިނުމަށާއި، މަޖިލިހުން ބޭނުންވެއްޖެނަމަ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރެވޭނެ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު