ފުއްގިރި މައްސަލައިގެ އަޑުއެހުން
ފުއްގިރި މައްސަލައިގެ އަޑުއެހުން
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް އެކޯޓުގައި މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. މި މައްސަލައިގައި ދެން ހިމެނޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވީ ނަމަވެސް އޭނާގެ ބައި ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.

މައްސަލާގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މިހާރު އޮތީ ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައެވެ.

ނަމަވެސް މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެދިފައިވަނީ، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރު ކޮށްދިނުމަށެވެ. އޭނާ ޙާޟިރުކޮށް ދިނުމަށް އެދިފައިވަނީ މައްސަލައާ ގުޅުންހުރި އޯޑިއޯއެއް ލީކުވެފައި ވާތީ ފުލުހުންގެ ތަހުގީގުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

ދަޢުލަތުގެ ވަކީލުން މިއަދު ބުނެފައިވަނީ، ރިޔާޒްގެ ހެކިބަސް ނަގަން އެދޭނަމަ، އެ ހެކި ބަލައިގަތުމާމެދު ޗެލެންޖް ކުރުމުގެ ފުރުސަތެއް ބޭނުންވާ ކަމަށެވެ.

އެހެންކަމުން ޤާޟީ އަލީ ނަދީމް ނިންމެވީ ރިޔާޒް ހާޒިރު ކުރުމާއި، އޯޑިއޯއާ ބެހޭގޮތުން ހުށަހެޅި ކަންކަން ދިރާސާ ކުރެއްވުމަށް ފަހު، އެކަމާ މެދު ފަހުން ގޮތެއް ކަނޑައެެޅުމަށްޓަކައި، ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ނުގެންގޮސް، އަޑުއެހުން ނިިންމަވާ ލެއްވުމަށެވެ.

ފުއްގިރީގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. ހަމައެއާއެކު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

ރ. ފުއްގިރި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ. މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީނަށް ވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.

އޭގެފަހުން ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ކްރިމިނަލް ކޯޓުން އިއްވިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލް ކުރުމަށްފަހު އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު