ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާންވީ ޤައުމަށް ރީތި ނަން ހޯދައިދިނުމުގައި މުހިއްމު ބައިވެރިއަކަށްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭންޖެހޭ ޚިދުމަތެއް ކަމަށެވެ.

އަދި ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާންވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުމަށާއި ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުއެވެ. އެހެންކަމުން ރައީސް ވަނީ ޤައުމީ ބްރޯޑްކާސްޓިންގ ދުވަހުގެ ތަހުނިޔާ އެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަރިސް ކުރަށްވާފައެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހަކީ، ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ ހަރުދަނާކުރުމާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކުރުމަށް ފާހަގަކުރާ ދުވަހެކެވެ.



ކިޔުންތެރިންގެ ހިޔާލު