ކުރީގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް-
ކުރީގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް-
އައިޖީއެމްއެޗުން ސިޔާސީ ޖަމާއަތެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާނަމަ އަޅުގަނޑުމެންގެ ސިއްހީ ކަންތައްތަކާމެދު އެ ހޮސްޕިޓަލަށް އިތުބާރު ކުރެވޭނީ ކިހިނެއްތޯ ވިދާޅުވެ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ސުވާލުކުރައްވައިފިއެވެ.

ރޮޒެއިނާ މިގޮތަށް ސުވާލުކުރައްވާފައި މިވަނީ ޕެޕަރ ސްޕްރޭގެ ސަބަބުން ހާޓްއެޓޭކް ނުޖެހޭނެ ކަމަށްބުނެ އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނަށް ފާޑު ވިދާޅުވަމުންނެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އިހުތިޖާޖުގެ ބައިވެރިއަކު ނޭވާލާން އުނދަގޫވެ މޭގައި ރިއްސާ، އެކިއުޓް މަޔޯކާރޑަލް އިންފާކްޝަން، އެމް އައި ނުވަތަ ހާޓް އެޓޭކެއް ޖެހިފައިވާކަން ހޮސްޕިޓަލްގެ ސަމާލުކަމަށް އައި ނަމަވެސް މިހާދިސާ ދިމާވެފައިވަނީ ޕެޕަރ ސްޕްރޭގެ ސަބަބުން ނޫން ކަމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރޮޒެއިނާ ވަނީ ޕެޕާ ސްޕްރޭ ޖެހުމުން ހާޓް އެޓޭކް ޖެހޭ ކަމަށް ބުނާ ކޭސް ސްޓަޑީއެއް ހިއްސާކޮށް، އައިޖީއެމްއެޗުން މިކަމާމެދު ދޮގުހެދީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

"ޕެޕާ ސްޕްރޭގެ ސަބަބުން ހާޓް އެޓޭކު ޖެހުމަށް މަގުފަހިވޭ. އައިޖީއެމްއެޗުން ދޮގުހެދީ ކީއްވެ؟ ސިޔާސީ ޖަމާއަތެއްގެ ގޮތުގައި އަމަލުކުރާނަމަ އަޅުގަނޑުމެންގެ ސިއްޙަތާ މެދު ތިޔަ ބޭފުޅުންނަށް އިތުބާރު ކުރެވޭނީ ކިހިނެއް؟" ރޮޒެއިނާގެ ޕޯސްޓުގައި ވެއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ މުޒާހަރާތައް ރޫޅާލަން ނިކުމެ މައިދާނުގައި ތިބޭ ބައެއް އިންސާނިއްޔަތުކަން ކުޑަ ފުލުހުން ގަސްތުގައި މީހުންގެ އަނގައަށާއި މޫނުގެ ހުރިހާ ހިސާބަކަށް ވަރަށް ކައިރިން އެއްވެސް ބެލުމެއްނެތި ޕެޕާ ސްޕްރޭ ޖަހާ ކަމަށެވެ. މީހަކު މަރުވިޔަސް އެފަދަ ފުލުހުންނަށް ފަރުވާލެއް ނެތްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު