ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް-
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް-
ރާއްޖޭގައި މިފަހަކަށް އައިސް ހިނގަމުންދާ މުޒާހަރާތަކާ ގުޅޭތައް ވަރަށް ގާތުން ބަލަމުން ގެންދަވާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝާލީ ބޮޗްވޭ ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާލީ ވަނީ ހަމަޖެހުން ގެއްލޭފަދަ އަމަލުތަކުން ދުރުހެލިވެ ތިބެ ކެއްތެރިކަމާއެކު، ސިޔާސީ ތަފާތުވުންތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

"އަޅުގަނޑު އެންމެހައި ފަރާތްތަކަށް ވެސް ގޮވައިލަނީ ކެތްތެރިކަން ދަމަހައްޓައި، ސިޔާސީ ތަފާތުތައް ހައްލުކުރުމަށާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމަށްޓަކައި އިޙްތިރާމާއެކު މަޝްވަރާކުރުމަށް." ޝާލީގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ގާނޫނުު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ސުލްހަވެރި އިހުތިޖާޖުތައް ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށާއި އެންމެހާ ސިޔާސީ ޖަމާޢަތްތަކަށް ދޭނެކަމަށް ބުނެ ސަރުކާރުން ނެރުނު ބަޔާނަށް ޝާލީ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ޝާލީ އިތުރަށް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ހިމެނޭހެން ޑިމޮކްރެޓިކް ޙައްޤުތައް ލިބިގަތުމަށްޓަކައި ޤާނޫނުގެ ރޫޙަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ގާނޫނުގެ ރޫހަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމު ކުރުމަށް ޝާލީ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ސުލްހަވެރި އިހުތިޖާޖުތައް ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ދޭ ކަމުގައި ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، މިފަހުން މާލޭގައި ކުރިއަށްގެންދިޔަ ހުރިހާ މުޒާހަރާއެއްގައިވެސް ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ޤާނޫނާ ހިލާފަށް މީހުން ހައްޔަރުވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު