އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް
އާދައިގެ ރައްޔިތަކަށްވުރެ، ބޮޑު ހުވައެއްކޮށް ޔުނީފޯމް އަޅައިގެން ހުންނަ މީހާގެ ޒިންމާ ބޮޑުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ، މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ބައެއް ފުލުހުންގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުކޮށް ޝޯޝަލް މީޑިޔާގައި ފާޑުކިޔަމުންދާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ ބަޔާނަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ، ބޮޑު ހުވައެއް ކޮށްގެން ޔުނީފޯމް އަޅައިގެން ހުންނަ މީހާގެ ޒިންމާ މާ ބޮޑުވާނެ ކަމަށެވެ. އަދި ފުރަތަމަ ބަލަންވީ ޤާނޫނާ ޚިލާފްވާ ފުލުހުންގެ މައްސަލަ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

"ފުލުހުން ރައްޔިތުންނަށް ލާއިންސާނީ އަނިޔާކޮށް، ރައްޔިތުންގެ ކަންފަތް ބީރުކޮށް، އެމީހުންގެ ދިރިއުޅުން ބަރުބާދު ކުރީމައި އަޅަންޖެހޭ ފިޔަވަޅު ފުރަތަމަ އަޅާ." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ މުޒާހަރާ ރޫޅާލުމަށްޓަކައި ބާރުއަޑެއް ފޮނުވާ ހަތިޔާރު ހިފަހައްޓައިގެން ހުރި އޮފިސަރުގެ ފޮޓޯ އާންމުކޮށް، ސޯޝަލް މީޑިއާގައި އެ އޮފިސަރާ ގުޅޭ ޒާތީ މައުލޫމާތުތަކެއް ދަނީ ދައުރު ކުރަމުންނެވެ. އެހެންކަމުން ފުލުހުންގެ ވަކިވަކި އޮފިސަރުންނަށް ބިރު ހީވާ ގޮތަށް ސޯޝަލްމީޑިއާގައި އަމަލެއް ހިންގައިފިނަމަ، އެފަދަ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެެވެ.

ހަމައެއާއެކު ފުލުހުންގެ ބަޔާނުގައި ބުނީ ފުލުސް އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަަށެވެ.

މި މައްސަލާގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމަށް ނުވަތަ ފުލުހުން ޤާނޫނީ ވާޖިބު އަދާކުރާގޮތާމެދު ނުރުހުންވެ، ފުލުހުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ބިރުދެއްކުމުގެ ނިޔަތުގައި ސިޔާސީ ފަރާތްތަކުން ހިންގާ މިފަދަ އަމަލުތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޢަމަލުތަށް ހިންގާ ފަރާތްތަކާމެދު ޤާނޫނުގައި އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އެޅިގެން ދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު