ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ސިނގިރޭޓުން ނަގާ ޑިއުޓީ އިންތިހާއަށް އުފުލުމުން ފުޅާވާނީ ވަގު ވިޔަފާރި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިއަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓޭނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓައި ގެއްލުނު މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިއަކު މިހާރުވަނީ ހައްޔަރު ކޮށްފައެވެ.

ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ ރައީސް ނަޝީދު ވިދާޅުވީ، އިމްޕޯޓް ޑިއުޓީ އިންތިހާއަށް އުފުލުމުން، ވަގު ވިޔަފާރި އިތުރުވާނެ ކަމަށާއި އެއީ އެހެން ގައުމުތަކުގެ ތަޖުރިބާ ކަމަށެވެ.

"ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސިނގިރޭޓް ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލާގައި ރޭ ފުލުހުން ވަނީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހުން ހައްޔަރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއްގެ ފުރުން މަނާކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެ އިތުރުން، މައްސަލައާ ގުޅިގެން ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ޕޯޓުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތް ކަން ފާހަގަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގަ އެވެ. އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު