ގްރޭޓާރ މާލެ ކަނެކްޓިވިޓީ ބްރިޖް، ފޮޓޯ؛ އިންޑިއަން ހައިކޮމިޝަން
ގްރޭޓާރ މާލެ ކަނެކްޓިވިޓީ ބްރިޖް، ފޮޓޯ؛ އިންޑިއަން ހައިކޮމިޝަން
ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް މި ގެންދަނީ މާ ބާރަށް ކަމަށާއި، މިގޮތަށް މިކަން ނުދެމެހެއްޓޭނެ ކަމަށް ކުރީގެ މަޖިލީސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ، ރައީސް މައުމޫނު، ރައީސް ނަޝީދު، ރައީސް ވަޙީދު، ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރުގައިވެސް މިރާއްޖޭގެ "ތަރައްޤީ" މި ގެންދަނީ މާބާރަށޭ ވިދާޅުވެފައި ވާނޭ ކަމަށެވެ.

އަދި މިގޮތަކަށް މިކަން ނުދެމެހެއްޓޭނެ ކަމަށާއި، މީގެ ނަތީޖާއަކަށްވާނީ ރާއްޖޭގެ ރައްޔިތުން ނިކަމެތިވެ، އިޤްތިޞާދު ބިދޭސީންގެ އަތްމައްޗަށްގޮސް، ރާއްޖޭގައި ކޮރަޕްޝަނާއި ދަރަނި އިތުރުވުން ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވި ކަމަށަވެސް އިބްރާ ފާހަގަކުރެއްވިއެވެ.

އިބްރާ ވިދާޅުވީ މިއަދު މިއޮތީ އެތަން އައިސްފައި ކަމަށެވެ.

"މިފަހަކަށްއައިސް ކުރަންފެށި އެންމެ ވިޔާނުދާ ކަމަކީ ދައުލަތުން ދަރަނި ނަގައިގެން މާލޭ ސަރަޙައްދިގައި ފްލެޓްއަޅަން ފެށުން. ރައީސް ނަޝީދުގެ ސަރުކާރުގައި، ފްލެޓްއަޅަން އިއުލާނުކުރެއްވުމުން ދެންނެވިން ތިޔަކަން ނުކުރައްވާށޭ، ނަތީޖާއަކަށްވާނީ މާލެ އިތުރަށް ތޮއްޖެހި، އެހެންރަށްރަށް ހުސްވެ، ރައްޔިތުންގެ ބާރުވެރިކަން ގެއްލިގެންދިއުމޭ." އިބްރާ ވިދާޅުވިއެވެ.

އަދި މިވާހަކަތައް އެއްވެސް ސަރުކާރަކުން އަޑު ނޭއްސެވި ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.

ޤައުމު ތަރައްޤީކުރާނީ ސަރުކާރަކުން ނޫންކަން ފާހަގަކުރައްވަމުން އިބްރާ ވިދާޅުވީ ގައުމު ތަރައްޤީ ކުރާނީ ރައްޔިތުން ކަމަށެވެ. އަދި ސަރުކާރުންކޮށްދޭންޖެހޭ ކަމަކީ، ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރާން ހުރި ހުރަސްތައް ނައްތައި، ޤާނޫނު ހިންގައި، ޢަދުލު ޤާއިމުކޮށްދިނުން ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.

"ޤައުމު ތަރައްޤީކުރާނީ ސަރުކާރަކުންނޫން. ރައްޔިތުން. ސަރުކާރުން ކޮށްދޭންވީ ކަމަކީ، ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރާން ހުރި ހުރަސްތައް ނައްތާލައި، މަގުފަހިކޮށްދޭންވީ. އެއަށްފަހު، ޤާނޫނު ހިންގައި، ޢަދުލު ޤާއިމުކޮށްދިނުން. އެނިމުނީ." އިބްރާ ވިދާޅުވިއެވެ.

އިބްރާ މިހެން ވިދާޅުވެފައިވާއިރު ކުރިއަށްއޮތް ހަތަރު، ފަސް އަހަރު ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސާލުމަށް ރައީސް ނަޝީދުވެސް މިރޭ ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު