ބަންޑާރަނާއިބު އަޙްމަދު އުޝާމް
ބަންޑާރަނާއިބު އަޙްމަދު އުޝާމް
ސެންޓަރ އެންޓަރޕްރައިސަސްގެ މައްސަލަ ބަންޑާރަނާއިބުގެ އޮފީހުން ފުލުހުންނަށް ހުށައަޅައިފިއެވެ.

އޭޖީ އޮފީހުން ރޭ ބުނެފައިވަނީ، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2021 އަދި 2022 ވަނަ އަހަރު ދިވެހި ދައުލަތާ ދެކޮޅަށް ޖުމްލަ 04 (ހަތަރެއް) ދަޢުވާއެއް ސިވިލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

"އެ ހަތަރު ދަޢުވާގައި ސެންޓަރ އެންޓަރޕްރައިސަސް އިން ހުށަހެޅި ލިޔެކިޔުންތަކުގެ ޞައްޙަކަމާމެދު، އަދި ބައެއް މުޢާމަލާތްތަކުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭތީ، މި މައްސަލަތައް 04 ސެޕްޓެންބަރު 2022 ގައި އަދި އޭގެ ފަހުންވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް މި އޮފީހުން ހުށަހަޅާފައިވާނެއެވެ. އަދި ހަމަ އެ ތާރީޚުގައި މި މައްސަލަތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް މި އޮފީހުން ގެނެސްފައިވާނެއެވެ." އޭޖީ އޮފީހުން ބުނެފައިވެއެވެ.

އެކަމާގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން 19 އޮކްޓޫބަރު 2025 ގައި ޝާއިޢުކޮށްފައިވާ "ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2008 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކިއުޕްމަންޓާއި ކޮންސިއުމަބްލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ ޚާއްޞަ އޮޑިޓްގެ ރިޕޯޓް" ގައި ސެންޓަރ އެންޓްރޕްރައިސަސް އިން ފޯޖްކޮށްގެން އުފައްދާފައިވާ ޞައްޙަނޫން ލިޔެކިޔުންތަކެއް ޝަރުޢީ ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލަށް ބުރަވެވޭ ކަމާއި، އެ ފަދައިން އެ ކުންފުނިން ޢަމަލުކޮށްފައިވަނީ މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދުމަށް ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވެއެވެ.

"މި މައްސަލައާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރެލް އިރުޝާދު ދެއްވާފައިވާތީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރައްވައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެދި މި އޮފީހުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފީމެވެ." އޭޖީގެ ބަޔާނުގައިވެއެވެ.

އޭޖީން މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާއިރު، ހެލްތު މިނިސްޓްރީ އަށް 2008 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު، މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލް ސަޕްލައިކޮށްދީގެން ލިބެން ޖެހޭ ކަމަށް ބުނާ 79 މިލިޔަން ރުފިޔާ ހޯދަން ސެންޓަރ އެންޓަރޕްރައިސަސް ކުންފުނިން ދައުލަތުގެ ތިން އިދާރާއަކާއި ކުންފުންޏަކާ ދެކޮޅަށް 2022 ވަނަ އަހަރު ސިވިލް ކޯޓުގައި ދައުވާކޮށްފައިވެއެވެ.



އެ ދައުވާތަކުގައި، އަގުގެ ގޮތުގައި ލިބެންޖެހޭ ކަމަށް ބުނާ 175 މިލިއަނަށްވުރެ ގިނަ ރުފިޔާ އާއި ޖޫރިމަނާ އެއްކޮށްލުމުން 410.4 މިލިޔަން ރުފިޔާ އަށް އަރައެވެ. އެކަމަކު މި ފައިސާ ލިބެންޖެހޭ މުއްދަތުގައި ކޮށްފައިވާ ކުންފުނީގެ އިންޓާނަލް އޮޑިޓްގައި، ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި އޮތީ 11,746,510 ރުފިޔާ ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައިވެއެވެ.

މި މައްސަލާގައި ހިމެނޭ ސެންޓަ އެންޓަޕްރައިސަސް 2006 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ ތިން ހިއްސާދާރުން ހިމެނޭ ގޮތަށެވެ. އަދި ފޭކް ލިޔުން ހުށަހެޅި ކަމަށް ދައުލަތުން ތުހުމަތު ކުރުމުން އެ ކުންފުނިން ވަނީ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު