މުހައްމަދު ފަރުސަތު
މުހައްމަދު ފަރުސަތު
މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުސަތު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުންދީފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ގާނޫނުގައި އޮންނަ ގޮތުން އެކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.

އެހެންކަމުން ކޮމިޓީން އިއްޔެ ނިންމީ ކޮމިޝަނުގެ ހުރިހާ މެންބަރުންނާ އިންޓަވިއު ކުރުމަށެވެ. އަދި މިއަދު ކުރިއަށް ގެންދިޔަ އިންޓަވިއުއަށް ފަހު، ކޮމިޓީގެ އިއްތިފާގުން ނިންމީ ކޮމިޝަންގެ ރައީސަކަށް ފަރުސަތު އައްޔަން ކުރުމަށް މަޖިލީހުގެ ތަޅުމަށް އޭނާގެ ނަން ފޮނުވުމަށެވެ.

ފަރުސަތު ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރުމާމެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. ފަރުސަތަކީ އެ ކޮމިޝަނުގައި ތިބޭ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރެކެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަންގައި ފަރުސަތުގެ އިތުރުން ތިއްބަވަނީ މަޖިލީހުން ކަނޑައެޅުއްވި މެންބަރުން ކަމަށްވާ ޞަފާ ޝަފީޤް އާއި، އަލްއުސްތާޒާ އާމިނަތު ސަރާޙަތު އިއްޒަތެވެ.

އޭގެއިތުރުން އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންގެ ފަރާތުން އައްޔަނުވި އަބްދުލް އަޒީޒު އިބްރާހީމާއި، ޒަމްއަތު އަހުމަދު ވަހީދާއި، އިންތިޚާބަކާ ނުލައި އެހެނިހެން މީޑިއާތަކުން އައްޔަނުވި ސިމާހާ ނަސީމާއި، ހުސެން ސަގީފަކީވެސް ކޮމިޝަންގެ މެންބަރުންނެވެ.

މީޑިއާ ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި އެއްވެސް މެންބަރަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެކަން ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މެންބަރުންނަށް މަނާކަންތައްތަކުގެ ތެރޭގައި މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުން ދިޔުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު