ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް
މުޅި ޓޫރިޒަމް އިންޑަސްޓްރީ އޮތީ ކަށިމިޔަރު ނަގަންދިން ހުއްދައާ ދެކޮޅަށް ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ، ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލައި އޭނާ ހުށައެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަށްވަމުންނެވެ. ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެެއްވީ މިއަހަރުގެ އޮގަސްޓުމަހުގެ 20 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި އައްބާސް ވިދާޅުވީ ފަތުރުވެރިކަން ކުރަންވާނީ އަންނަން އޮތް ޖީލަށް ވެސް ވާރުތަވާ ގޮތަށްކަމަށާއި، ހަމައެކަނި މި ޖީލުގައި ފަތުރުވެރިކަން ކުރިއެރުވުމަށްފަހު އަންނަން އޮތް ޖީލަށް ފަތުރުވެރިކަމުން މަންފާ ނުކުރާ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި މުޅި ޓޫރިޒަމް އިންޑަސްޓްރީ އޮތީ ކަށިމިޔަރު ނަގަންދިން ހުއްދައާ ދެކޮޅަށް ކަމަށް އައްބާސް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ކަނޑުއަޑީގެ ރީތި ދިރުންތަކާއި ހިތްގައިމު ދޮންވެލި ބީޗުތައް ސިޔާސީ ވެރިންގެ އަމިއްލަ އެދުމަށްޓަކައި ފުނޑާލައިފިނަމަ އަންނަން އޮތް ޖީލުތައް އެކަމާމެދު ކަރުނަ އަޅައި ރޯނެ ކަމަށް އައްބާސް ވިދާޅުވިއެވެ. އެގޮތުން ކައިރިކައިރީގައި ބިންހިއްކައިގެން އެއަރޕޯޓުތައް ހެދުމާއި، ރިސޯޓު ހެދުމަށް ފަޅުވިއްކުމުން ތިމާވެއްޓަށް ގެއްލުން ވާނެކަމުގެ ކަންބޮޑުވުން އައްބާސްވަނީ ފާޅުކުރަށްވާފައެވެ.

"ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީ މިކަމަށް ބަހުސްނުކޮށް މީތި މިއަދު ބޮލާލައި ޖެހިޔަސް މުޅި ޓޫރިޒަމް އިންޑަސްޓްރީ އޮތީ ކަށިމިޔަރު ނަގަން އެދިން ހުއްދައާ ދެކޮޅަށް، 99 އިންސައްތަ ޑައިވަރުން އެތިބީ މިއާ ދެކޮޅަށް." އައްބާސް ވިދާޅުވިއެވެ.

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ގޮވާލާ އައްބާސް ހުށައެޅުއްވި ޤަރާރުގައި ވަނީ، މިޔަރުގެ އާއިލާގެ ހުރިހާ ބާވަތަކީ ލަހުން ބޮޑުވާ ލަހުން ދަރިމައިވާ އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ބާވަތަކަށްވުމުން މިޔަރުގެ އާބާދީއަކީ ދެ އުމުރުފުރައިގެ ދޭތެރެދުރު ސްޓޮކްގެ އުފެއްދުންތަރިކަން ދަށް އާބާތީތަކެއް ކަމަށެވެ. އޭގެއިތުރުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބަލައިލުން ކަމަށް ވާއިރު، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފިނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑުތަނުން މަދުވެ ފަތުރުވެރިކަމަށް ނުހަނު ބޮޑު ގެއްލުންވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އައްބާސް ހުށައެޅުއްވި ގަރާރުގައިވެއެވެ.

އައްބާސް މަޖިލީހަށް މިޤަރާރު ހުށައެޅުއްވިއިރު، ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލައި ނޮވެމްބަރު ފުރަތަމަ ދުވަހު ސަރުކާރުން ވަނީ އެކަމާގުޅޭ ގަވާއިދު ގެޒެޓުކޮށްފައެވެ. އެ ގަވާއިދުގައި ވާގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، މަސްވެރިކަމާބެހޭ ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ.

އޭގެތެރޭގައި ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަނާއި، ކަށިމިޔަރު ސަޕްލައި ކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ހިމެނެއެވެ. އެގޮތުން ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ގިނަވެގެން ޖުމްލަ 40 އުޅަނދަށެވެ. އަދި ލައިސަންސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.

ލައިސަންސް ފީގެ ގޮތުގައި މަސްވެރިކަން ކުރާ އުޅަނދަށް އަހަރަކަށް 2000 ރުފިޔާ، ޕްރޮސެސްކުރާ ފަރާއްތަކަށް އަހަރަކަށް 5000 ރުފިޔާ އަދި ސަޕްލައިކުރާ ފަރާތްތަކުން އަހަރަކަށް 3000ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. ކަށިމިޔަރުގެ މަސްވެރިކަމުގެ ގަވާއިދުގައި ވާގޮތުން ކަށި މިޔަރުގެ މަސްވެރިކަންކޮށް، މަސްކިރޭނީ 4 ބަނދަރަކަށެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށެވެ.

ހަމައެއާއެކު ޤަވާއިދުން ކަނޑައަޅާފައިވާ ސަރަހައްދު ނޫން ސަރަހައްދެއްގައި މަސްވެރިކަން ކޮށްފިނަމަ އަދި ކަށި މިޔަރު މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަން ކޮށްފިނަމަ ކެޔޮޅު، އޮޕަރޭޓަރ ނުވަތަ ލައިސަންސްގެ ވެރިފަރާތް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އަދި އެކަން ތަކުރާކޮށްފިނަމަ ޖޫރިމަނާކުރި އަދަދަށް 50000 ރުފިޔާ އިތުރުކޮށް 4 ލައްކައާއި ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުންގެންދިޔަ މަސްވެރިކަމެކެވެ. ރައީސް މުޢިއްޒުވެސް މިހާރު ވަނީ، ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ނޮވެމްބަރ އެކަކުން ފެށިގެން ހުއްދަވެފައިވާކަން އިޢުލާނު ކުރަށްވާފައެވެ. ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު