ދޭ ދޭ ޕްޔާރް ދޭ 2 ގެ މަންޒަރެއް-
ދޭ ދޭ ޕްޔާރް ދޭ 2 ގެ މަންޒަރެއް-
އެއްވެސް ވަރަކަށް ސެންސަރުނުކޮށް، ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު "ދޭ ދޭ ޕްޔާރް ދޭ 2" އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސާޓިފިކޭޝަން (ސީބީއެފްސީ) އިން ފާސްކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނީ މި ފިލްމުގެ އެއްވެސް މަންޒަރެއް ނުވަތަ އަޑެއް ކަނޑާނުލައި، ސެންސަރު ބޯޑުން މި ފިލްމަށް ހުއްދަ ދީފައިވާކަމަށެވެ. މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

އާންމު ގޮތެއްގައި ސެންސަރު ބޯޑުން ބައެއް ކަހަލަ މަންޒަރުތަކާއި އަޑުތައް ބަދަލުކުރުމަށް ނުވަތަ އެއްކޮށް ކަނޑާލުމަށް ފިލްމުގެ ޕްރޮޑިއުސަރުންނަށް އަމުރު ކުރެއެވެ. އަދި އެނޫން ގޮތަކަށް ފިލްމު އެޅުވުމުގެ ހުއްދަވެސް ނުދެއެވެ.

މި ފިލްމަކީ 2019 ގައި ނެރުނު "ދޭ ދޭ ޕްޔާރް ދޭ" ގެ ސީކުއެލް އެވެ. މި ފިލްމު ފާސްކުރުމުގެ ކުރިން ސެންސަރު ބޯޑުން ވަނީ ފިލްމުގެ ގިނަ ސީންތަކެއް ކަނޑާލާފައެވެ.

"ދޭ ދޭ ޕްޔާރް ދޭ 2" ގައި އަޖޭގެ އިތުރުން ދެން މުހިންމު ރޯލުތަކުން ފެނިގެންދާނީ އާރް މަދަވަން އާއި، ރަކުލް ޕްރީތު ސިންގުއެވެ.

2 ގަޑިއިރާއި 27 މިނެޓުގެ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 14 ގައެވެ.

މިއީ މިއަހަރުގެ ނޮވެމްބަރު ނެރުމަށް ހަަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެއްވެސް ވަރަކަށް ސެންސަރު ނުކޮށް ފާސްކުރި ދެވަނަ ފިލްމެވެ. މިމަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން ދެން ސެންސަރުނުކޮށް ފާސްކޮށްފައިވަނީ އިމްރާން ހާޝްމީ އާއި ޔާމީ ގޯތަމްގެ "ހައްގު" އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް