މަރްޔަމް ނަހްދާ ވަޙީދު   9 ނޮވެމްބަރު 2025 - 20:6
މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަނެއްކާވެސް ފޮރެކްސް ޓްރޭޑިންގެ ސްކީމެއް އިއުލާނުކޮށްފިއެވެ.

އަލްހާން އަލުން ޓްރޭޑިން ސްކީމެއް އިއުލާން ކޮށްފައި މިވަނީ އޭނާގެ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ މައްސަަލައިގެ ދައުވާތައް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

މި މައްސަލައިގެ ތަހުގީގަށްފަހު އަލްހާންގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވެއެވެ. މި ދައުވާތައް ޕީޖީ އިން އަނބުރާ ގެންގޮސްފައިވަނީ 30 އޮކްޓޯބަރު 2025 ގައެވެ.

ޕީޖީ އޮފީހުން ބުނީ ދައުވާތައް ކުރިއަށް ނުގެންދަން ނިންމީ މި މައްސަލައިގައި ގެއްލުންވި 13 ފަރާތަށް ބަދަލު ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުން ބުނެފައިވާތީ އާއި ފުލުހުންގެ ތަހުގީގަށް ވެސް އެކަން ކަށަވަރުވެފައިވާތީ ކަމަށެވެ. އަދި މިއީ ގެއްލުން ލިބުނު ފަރާތްތަކުގެ އެދުމުގެ މަތިންނާއި، ފައިސާ ލިބިފައިވާކަން ޔަގީންވުމުން ނިންމި ނިންމުމެއް ކަމަށް ޕީޖީ އޮފީހުން ހާމަކުރިއެވެ.

ދައުވާތައް އަނބުރާ ގެންދިއުމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އަލްހާން ބުނީ ދައުލަތުގެ ބައެއް މުއަސަސާތަކުން ގާނޫނީ އިމުން ބޭރުން އޭނާ ހިންގަމުން އައި އޮންލައިން ފޮރެކްސް ޓްރޭޑިންގް މަަސައްކަތް ހުއްޓުވުމުން ލިބުނު ގެއްލުން 300 މިލިއަނަށްވުރެ މަތި ކަމަށެވެ. އަދި އޭގެ ބަދަލު ލިބެންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލަ ނިމުމާއެކު އަލްހާން މިވަނީ އަނެއްކާވެސް އޭނާގެ ސޯސަލް މީޑިއާ އެކައުންޓް ތަކުގައި ފޮރެކްސް ޓްރޭޑިންގެ އައު ސްކީމެއް ފެށުމަށް އިއުލާން ކޮށްފައެވެ. އެގޮތުން މި ސްކީމްގެ ދަށުން ޖުމްލަ 22،000 ރުފިޔާއިން ކްރިޕްޓޯ ޓްރޭޑްކޮށްގެން 3 މަސް ދުވަހުން 90،000 ރުފިޔާ ލިބޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް