ހައްޔަރު ކުރި 3 މީހުން
ހައްޔަރު ކުރި 3 މީހުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ބްރީފްކޭހެއް ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފައިވާ މައްސަލައެއްް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 27 އޮކްޓޯބަރ ދުވަހުގެ ފަތިހު 4:45 ހާއިރުއެވެ. ފޭރުނު މީހުން އެއަރޕޯޓަށް ގޮސްފައިވަނީ ކާރެއްގައި ކަމަށްވެއެވެ.

މި މައްސަލައާ ގުޅިގެން ހަމަ އެދުވަހު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާއިރު، މިދިޔަ ހަފްތާ ވަނީ އިތުރު ތިން މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު 27، އާއި ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު 44، އަދި ސ. ހިތަދޫ. ވަށަގުލިމާގެ، އަލީ އަފްޒަލް 21،އެވެ.

މި މައްސަލައިގައި ކުރިން ހައްޔަރު ކޮށްފައި ވަނީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ 25، އާއި މ. ކޯރަސް، އަހުމަދު ރައިހާން ނައީމް 20، ގެ އިތުރުން ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހިމް އަނޫފް 24، އަދި އެގޭ ހުސައިން ޝަހުދު 30،އެވެ.

މި އެންމެންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ބުނީ އޭގެ އިތުރުން، ހަތަރު މީހަކު ފުލުހުން މަނާ ކުރުމަށް އަމުރު ނެރެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެއަރޕޯޓުން ފޭރުމަށްފަހު ފިލަން ބޭނުންކުރި ކަމަށް ބެލެވޭ ލޯންޗު ހޯދައި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ ކ. ހުރައިންނެވެ. ނަމަވެސް، ގެއްލުނު ފައިސާގެ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހަމައެއާއެކު ފުލުހުންވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ވަންނަން ދިޔަ ބޭންކްގެ ދެ މުވައްޒަފުން ފައިސާ ދަބަސް އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށްވެސް ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަތް ދަބަސްތަކުގައި ހުރީ، އެއަރޕޯޓުން ފުރަންދާ ފަސެންޖަރުންނަށް ބޭންކުން ދޫކުރުމަށް ހުރި ލައްކައަކަށްވުރެ ގިނަ ޑޮލަރެވެ. އަދި ހުރާގެ ގެސްޓުހައުސަކަށް އައި ބަޔަކު ގިނަ އަދަދެއްގެ ޑޮލަރުތަކެއް ގެންގުޅޭ މަންޒަރު އެތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށް ބުނާ ޚަބަރުވެސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ނަމަވެސް މިކަންކަން ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ފުލުހުން ބުނީ، މި މައްސަލައާ ބެހޭގޮތުން އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް