މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް
މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް
މާލޭ ސިޓީގެ މޭޔަރުކަމަށް ގެންނަން ޖެހޭނީ ކަންކަން ކުރެވޭކަން ސާބިތުކޮށްދީފައި ހުރި ހިންގުންތެރި މީހެއް ކަމުގައި މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައި މިވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ، މިހާރުގެވެސް މޭޔަރު އާދަމް އާޒިމް އަށް ތާއީދު ކުރާކަން ހާމަކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެގޮތުން ރޮޒެއިނާ ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަމަށް ގެންނަން ޖެހެނީ އަހުލާގު ރަނގަޅު، ކަންކަން ކުރެވޭކަން ސާބިތުކޮށްދީފައިހުރި، ރައްޔިތުންގެ އިހުސާސް ދަންނަ އަދި އެކަމާ އުޅޭނެ ހިންގުންތެރި މީހެއް ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ މަގާމުގެ ވާޖިބު އަދާނުކުރެވި 5 އަހަރު ބޭކާރުވެގެން ދަނީ މަގާމުތަކަށް ނަމަކަށް މީހުން ލީމަ، ނުވަތަ ވަކި މީހަކު ތާއީދުކުރާތީ މީހުން ހޮވީމައި ކަމަށެވެ.

"ތިމާ ދޭ ވޯޓަކީ ތިމާގެ ސިކުނޑިން ރަނގަޅަށް ވިސްނާފަ ދޭ ވޯޓަކަށް ވާންޖެހޭ. މިއުޅެނީ މަޖާ ކުރާކަަށެއް ނޫން، މިއުޅެނީ ސީރިއަސް މަސައްކަތްތެކެއް ކޮށް ހައްލު ނުވެފަހުރި ބޮޑެތި މައްސަލަތަކެއް ހައްލު ކުރަން" ރޮޒެއިނާ ވިދާޅުވިއެވެ.

އެހެންވީމާ އެކަން ކުރެވޭނެކަން އަމިއްލަޔަށްވެސް ގަބޫލުކުރެވޭ މީހަކަށް ވޯޓު ދިނުން މުހިންމު ކަމުގައި ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް