މަރްޔަމް ނަހްދާ ވަޙީދު   24 ނޮވެމްބަރު 2025 - 18:25
ބޮލީވުޑްގެ ވެޓެރަން ތަރި ދަރްމެންދުރަ
ބޮލީވުޑްގެ ވެޓެރަން ތަރި ދަރްމެންދުރަ
ބޮލީވުޑްގެ ވެޓެރަން ތަރި ދަރްމެންދުރަ, އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ.

ދަރްމެންދުރަގެ ސިއްހީ ހާލަތު ގޯސްވެގެން އިންޑިއާގެ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި މި މަހު ކުރީކޮޅު ފަރުވާދިނުމަށް ފަހު ގެއަށް ދޫކޮށްލީ މިދިޔަ ހަފުތާގައެވެ.

އޭނާގެ ދިގު ފިލްމީ ކެރިއަރުގައި 300 އަށްވުރެ ގިނަ ފިލްމު ކުޅެފައިވެއެވެ. އޭގެ ތެރޭގައި ލޯބީގެ ފިލްމުތަކާއި އެކްޝަން، ކޮމެޑީ އަދި ޑްރާމާ ފިލްމުތައް ވެސް ހިމެނެއެވެ.

"ޝޯލޭ" އާއި "ޗުޕް ޗުޕް ކޭ" ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ދަރްމެންދުރަ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ތޭރީ ބާތޯ މެއިން އޭސާ އުލްޖާ ޖިޔާ" އިންނެވެ. އަދި އަންނަ މަހު ރިލީޒްކުރާ ބޮލީވުޑްގެ ހަނގުރާމަ މަތީ ފިލްމު "އިއްކިސް"ގެ ރޯލެއް ވެސް އޭނާ ވަނީ ކުޅެފައެވެ.

އެކްޓިންގެ އިތުރުން، ދަރްމެންދްރާ ވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ، 2004 އިން 2009 އާ ދެމެދު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ދަރްމެންދްރާ މަރުވުމުން ތައުޒިޔާ ވިދާޅުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރްމެންދްރާ މަރުވުމަކީ އިންޑިއާގެ ސިނަމާގެ ރަން ޒަމާނަކަށް ނިމުމެއް އައުން ކަމަށެވެ. އަދި ދަރްމެންދްރާގެ އެކްޓިންއަށް ވެސް މޯދީ ވަނީ ތައުރީފު ކުރައްވާފައެވެ.

އޭނާ މަރުވުމާ ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ހިތާމަ ފާޅުކޮށް، ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން ވަނީ އޭނާގެ ޖަނާޒާގައި ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް