ވަގު ޓީޓީ ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ޝިފާއު-
ވަގު ޓީޓީ ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ޝިފާއު-
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް، މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، (37އ) ގެ މައްޗަށް 16 ދަޢުވާއެއް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލައާ ގުޅިގެން ޝިފާއު ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ފަހުން ބަންދު ކުރުމަށްފަހު އޭނާ ދޫކޮށްލުމުން ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށް އޭނާ ރާއްޖެއަށް ގެނައީ އިންޓަރޕޯލް ނޯޓިސް ނެރެގެންނެވެ.

މި މައްސަލާގައި ދަޢުލަތުން 23 ދައުވާއެއް ޝިފާއުގެ މައްޗަށް އުފުލާފައިވާއިރު، އޭގެ ތެރެއިން 16 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފައެވެ. އޭނާގެ މައްޗަށް ސާބިތުވީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއެވެ.

އަދި އޭނާގެ މައްޗަށް ސާބިތުވި 16 ދައުވާގެ އަދަބު ކަނޑައެޅުން އަންނަ ހަފުތާއަށް ކޯޓުން ވަނީ ތާވަލުކޮށްފައެވެ. އެ އަދަބު ކަނޑައެޅެންދެން ޝިފާއު ބަންދު ކުރަން ވެސް މިއަދު އަމުރު ނެރެފައިވެއެވެ.

ޝިފާއުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ހަތް ދައުވާއާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ޤާޟީ މިއަދު ވިދާޅުވިއެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ 38 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ 23 ދައުވާއެކެވެ. މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް